"ދަ ވައިޓް ޓައިގާ"ގެ ޓްރެއިލާ ފެނި ބަފައިބެގެ ތައުރީފް ޕްރިޔަންކާއަށް!

"ދަ ވައިޓް ޓައިގާ"ގެ ޓްރެއިލާ ފެނި ބަފައިބެގެ ތައުރީފް ޕްރިޔަންކާއަށް!

Author
ފާތިމަތު ނާވީ
23 ޑިސެމްބަރ 2020 11:44
0

ނެޓްފްލިކްސްގެ ފިލްމު "ދަ ވައިޓް ޓައިގާ"ގެ ދެވަނަ ޓްރެއިލާ މި ހަފްތާގެ ހޯމަ ދުވަހު ވަނީ ދައްކާލާފައެވެ. މި ފިލްމުގައި ފެނިގެންދަނީ އަދާރްޝް ގޯރަވް، ޕްރިޔަންކާ ޗޯޕްރާ އަދި ރާޖްކުމާރު ރާއޯ އެވެ. މި ފިލްމުގެ ފުރަތަމަ ޓުރެއިލާ އޮކްޓޯބަރު މަހު ވަނީ ގެނެސްދީފައެވެ.

މި ފިލްމުގައި ދައްކުވައިދެނީ ވަރަށް މުއްސަނދި ދެމީހުން، (ޕްރިޔަންކާ އާއި ރާޖްކުމާރު) ކައިވެނިކޮށްގެން ގިނަ އަހަރު ތަކަކަށް އެމެރިކާގައި އުޅުމަށްފަހު، އިންޑިޔާއަށް އެނބުރި އައިސް އުޅޭއުޅުމެވެ. އަދި އަދާރްޝް ގޯރަވް ފެނިގެންދަނީ ފަޤީރު ޑުރައިވަރެއްގެ ރޯލުންނެވެ. ނަމަވެސް އޭނާ ނުކުރާ ކުށަކަށް އެއްބަސްވާން މަޖުބޫރުކުރުމުން ބުއްދީގެ ބޭނުންކޮށް ކުރިއަރައިގެން ދާގޮތް ފިލްމުގައި ދައްކުވައިދެއެވެ.

ފިލްމުގެ ޓްރެއިލާއަށް އެތައް ބައެއްގެ ތަރުޙީބު ލިބިފައިވާއިރު، ޕްރިޔަންކާގެ ބަފައިބެ ޕައުލް ކެވިން ޖޯނަސް އަށްވެސް ޓުރެއިލާ ވަނީ ކަމުގޮސްފައެވެ. ކެވިން ޖޯނަސް ބުނެފައިވަނީ ފިލްމު ބެލުމަށް މިހުރީ ވަރަށް ކެތްމަދުވެފައި ކަމަށާއި އޭނާގެ ޅީދަރިފުޅާމެދު ފަހުރުވެރި ވާކަމަށެވެ.

އަދި މީގެ އިތުރުން ޕްރިޔަންކާގެ ފިރިމީހާ މަޝްޙޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްވެސް ވަނީ މި ޓްރެއިލާއާމެދު ހިޔާލުފާޅުކޮށްފައެވެ. އެއާއެކު ހޮލީވުޑްގައި ޕްރިޔަންކާ އާއެކު މަސައްކަތް ކުރި އެކްޓަރުންވެސް ވަނީ މި ޓްރެއިލާއަށް ތައުރީފުކޮށްފައެވެ.

ދުވަސްކޮޅެއްކުރިން ފިލްމު "ދަ ވައިޓް ޓައިގާ" އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައިވަނީ ޕުރޮޑިއުސަރ ރަމިން ބަހްރާނީ އާއިއެކޮށް މަސައްކަތްކުރުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ރާޖްކުމާރު ރާއޯ އާއެކުވެސް މީގެކުރިން މަސައްކަތް ކޮށްފައިނުވާ ކަމަށާއި އިންޑިއާގައި ފިލްމު ޝޫޓިން ކުރިއަށްގެންދިއުމަކީ ވެސް ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގެ ލިޔުންތެރިޔާ އަރްވިންދު އަދިގާ 2008ވަނަ އަހަރު ލިޔުނު މަޝްހޫރު ވާހަކަ އެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމު ނެޓްފްލިކްސް އިން ދައްކަން ފަށާނީ އަންނަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.