ޚަރަދު ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ސަބަބުން މިއަހަރު 2.5 ބިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ ޑރ.މުޙައްމަދު ޝަފީގް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ.ޝަފީގް ވަނީ ފިސްކަލް އިޞްލާޙުތަކާއި ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އަވަހަށް ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ. ޝަފީގް ވިދާޅުވީ، ސަރުކާރުގެ މަޝްރޫޢުތަކުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ފިސްކަލް އިޞްލާޙުތައް ގެންނަންޖެހޭ ކަމަށެވެ.
އަދި ސަރުކާރުގެ ބައެއް ދާއިރާތަކުގެ ތެރޭގައި މިހާރު ވެސް މާލީ ގޮތުން ހުރި ނުކުޅެދުންތެރިކަން ފާހަގަކުރައްވައި ސަރުކާރު ހިއްސާވާ ކުންފުނިތައް ރަނގަޅަށް މެނޭޖްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މިއަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، އިތުރު އިސްލާހުތަކެއް ނުގެނެސްފިނަމަ މުސްތަގުބަލުގައި މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ޑރ ޝަފީގް ވަނީ ދެއްވާފައެވެ. އަދި މިއަހަރުގެ މެދުތެރޭގައި މި އިސްލާހުތައް ތަންފީޒު ކުރަން ސަރުކާރުން ވިސްނާފައިވީ ނަމަވެސް މިހާރު ހުރި ބަޖެޓުގެ ދަތިތަކުގެ ސަބަބުން ވަގުތުން ފިޔަވަޅު އަޅަން ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަފީގް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ސަރުކާރުން މަހަކު 17 މިލިއަން ރުފިޔާ ސަލާމަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޞިއްޙީ ދާއިރާއަށް އަލަށް ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން ބޮޑެތި ސޭވިންގތަކެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމާއި މެދުރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމާ ގުޅޭ ގޮތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް އިޝާރާތް ކުރައްވައި ޑރ.ޝަފީގް ވިދާޅުވީ މިފިޔަވަޅުތައް ތަންފީޒުކުރާނެ ޓައިމްލައިނެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ފިނޭންސް މިނިސްޓްރީން މީގެ ކުރިން އިންޒާރު ދީފައި ވަނީ އެންމެ ފުރަތަމަ 14 ބިލިއަން ރުފިޔާގައި ލިސްޓުކޮށްފައިވާ ބަޖެޓް ޑެފިސިޓް ފިސްކަލް ރިފޯމް ނުކޮށް 20 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އޭގެ ރައްދުގައި މިދިޔަ ފެބްރުއަރީ މަހު ހަރަދު ކުޑަކުރުމުގެ މުހިންމު ފިޔަވަޅުތަކެއް އިއުލާނުކޮށް، މުވައްޒަފުންގެ ޕްރޮމޯޝަނާއި ރަސްމީ ދަތުރުތަކާއި އާ އިނާޔަތްތައް ހިމެނޭ ގޮތަށް މައިގަނޑު ހަތް ދާއިރާއަކުން ހަރަދު ކުޑަކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ މާލިއްޔަތުގެ މައްސަލަ ބަލަން ފެށި އެވެ. ޝަފީގް އެންމެ ފުރަތަމަ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމީ މިދިޔަ ހޯމަ ދުވަހު ނަމަވެސް ސިއްހީ މައްސަލަތަކެއް ހުރުމުން ޝަފީގް އަށް ހާޒިރުވެވޭ ގޮތެއް ނުވި އެވެ.