ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޝަނުގައި ހުރި މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާއިރު އިތުރު 3 މައްސަލައެއް ތަހުގީގް ކުރަމުންދާކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީގެ މިޑިޔާ އޮފިޝަލް ވިދާޅުވީ ޝަޒައިލްއާއި ގުޅޭގޮތުން އޭސީއަށް ހުށަހެޅުނު ކޮރަޕްޝަންގެ މައްސަލަ ސާބިރު ނުވާކަމަށް ނިންމާފައިވަކަމަށެވެ. ނަމަވެސް އެމައްސަލަ ބެލިއިރު، ފާހަގަކުރެވުނު ހަތަރު ކަމެއް ވަކި ނަގައި އެކަންކަން ބެލިއިރު، މަނީ ލޯންޑަރިންގެ މައްސަލައަކާއި، ކޮރަޕްޝަނަށް މަގުފަހިވާ އިތުރު ތިން މައްސަލައެއް ފާހަގަކުރެވިފައިވާކަމަށެވެ. މިމައްސަލަ ތަކުގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގް ކުރުމަށް ފުލުހަށް ފޮނުވާފައިވާއިރު، އަނެއް ތިން މައްސަލަ އޭސީސީން ތަހުގީގް ކުރަމުންދާކަމަށެވެ.
ޝަޒައިލްގެ މައްސަލަތަކުގެ ތެރެއިން އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތައް:
– ފައިސާގެ މުއާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައެއް
– މުވައްޒިފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލުކުރި މައްސަލައެއް
– މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް
މިމައްސަލަތަކުގެ ތެރެއިން އޭސީން ބެލި މައްސަލައިގެ ރިޕޯޓް މިހާރު ރައީސް އޮފީހަށާއި، މަޖިލިސް އިދާރާއަށް ފޮނުވާފައިވާކަމަށް އޭސީސީން ބުނެއެވެ. އަދި ޝަޒައިލްގެ އިތުރު މައްސަލަތަކެއް ބަލަމުންދާކަމަށް މިރިޕޯޓުގައި ބުނެފައިވާނެކަމަށެވެ. މި ރިޕޯޓް ކަމާއި ގުޅުން ހުރި އިދާރާތަކަށާއި، ޝަޒައިލްއަށް މިމަހުގެ17 ވަނަ ދުވަހު ވަނީ ފޮނުވާފައެވެ.
ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެގެން އައީ މި ސަރުކާރުގައި އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ގާއިމް ކޮށްފައިވާ "ވިސްލްބްލޯ ޕޯޓަލް" އަށް ހުށަހެޅި މައްސަލައަކާ ގުޅިގެނެވެ. އެ މައްސަލައާ ގުޅިގެން ޝަޒައިލް ސަސްޕެންޑް ކުރިއެވެ. އެއީ އޮކްޓޯބަރު 16، 2019 ގައެވެ. އެހާއިރުން ފެށިގެން ޝަޒައިލް އަދިވެސް ސަސްޕެންޝަންގައި ހުންނެވިއިރު އޭނާ އަދި މަގާމުން ވަކިކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ