އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ހައްޖުގެ އަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ސައުދީ އަރަބިއްޔާ އަށް ވަޑައިގެންނެވި އވެެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙައްޖާޖީން ތިބި ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކަފުޅުގައި ދިވެހި ހާޖީންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ވެދުން އަރިސް ކުރައްވަމުން، ހާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންނެވި އެވެ.
ޙައްޖަށް އައިސް އުޅޭއިރު ދިމާވާ ކަންކަމަށް ކެތްތެރިވުމަށާއި މިވަގުތު ދިވެހި ޙައްޖާޖީން ތިބީ އަމިއްލަ ގައުމުން ބޭރުގައި، ނުވެސް ދަންނަން ބައެއްގެ ގާތުގައި ކަމަށްވާއިރު ހިތްހަމަނުޖެހޭ ބައެއް ކަންކަން ދިމާވާނެކަން ފާހަގަކުރައްވަމުން ޝަހީމް ވަނީ އެކަންކަމުގެ މައްޗަށް ކެތްތެރިވުމަށް އިލްތިމާސްކުރައްވާފަ އެވެ.
މާތްވެގެންވާ ޙައްޖު ދުވަހާއި ޙައްޖުވެރިންނާ ދެމެދު ތިން ހަތަރު ދުވަހަށް ވެފައިވާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އަމިއްލަ ސިއްހަތަށް ކަމަށާއި އެހެންކަމުން ޑޮކްޓަރުން ދެއްވާ އިރުޝާދާއި ޢިލްމުވެރިން ދެއްވާ އިރުޝާދުތައް އަޑުއަހައި އެގޮތަށް އަމަލުކުރުމަށް ވެސް ޝަހީމް އިލްތިމާސްކުރެއްވި އެވެ.
މި ބައްދަލުވުމުގައި އަމީރުލް ޙައްޖު، މިނިސްޓަރު ޝަފީޢު ދެއްކެވި ވާހަކަފުޅުގައި ވެސް ޙައްޖުވެރިންނަށް ކެތްތެރިވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. އަދި ޙައްޖު ކޯޕަރޭޝަނުން ދިވެހި ޙައްޖުވެރިންގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ފުރިހަމަކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވި އެވެ.
ސައުދީން ރާއްޖެއަށް މިއަހަރު ދޫކުރި ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. ނަމަވެސް ސަރުކާރުން ކުރި މަސައްކަތުން އިތުރު 150 ކޯޓާ ހޯދައި 1150 ހައްޖުވެރިން ވަނީ ސައުދީ އަށް ފުރާފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ފަގީރުންގެ ލިސްޓުގައި ހިމެނޭ 50 މީހަކު ވެސް ހިމެނެ އެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 15 ވަނަ ދުވަހެވެ.
ކޮމެންޓު ފޮނުވާ