ހީކުރި ގޮތާ މުޅިން ހިލާފު، ކުޅުން ވަރަށް ދަށް: މޯހަން

ހީކުރި ގޮތާ މުޅިން ހިލާފު، ކުޅުން ވަރަށް ދަށް: މޯހަން

Author
އިބްރާހީމް ސާޢިދު
22 ޑިސެމްބަރ 2020 12:37
0

އެންމެ ފަހު މެޗަކީ ޓީމުން ވަރަށް ދަށްކޮށް ކުޅުނު މެޗެއް ކަމަށާއި ހަގީގަތުގައި މެޗަކަށް ފަހު މެޗެއް މިދިޔައީ ހީކުރި ގޮތާ ހިލާފަށް ކަމަށް އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ދިރާގު ދިވެހި ލީގުގައި އެންމެފަހުން ޓީސީ އަތުން 2-0 ލަނޑުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން މޯހަން ބުނީ  މިދިޔަ ސީޒަނުގެ ލީގުގައި ޖުމްލަ އެއްކޮށް އީގަލްސް އިން ދެ މެޗުން ބަލިވިއިރު، މި ފަަހަރު ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފައި އޮތުމުން މިހާރު އޮތީ އުނދަގޫ ފައްތަރެއްގައި ކަމަށެވެ.

"މިހާރު މި އޮތް ސްކޮޑުގައި ކުޅުންތެރިންގެ ވީކްނަސް އެބަފެނޭ އަލަށް އަރުވާ ކުޅުންތެރިންގެ ފަރާތުން ވެސް. އެ ކަހަލަ ކަންތައްތަކަށް ވެސް އެބަޖެހޭ. މިކަން ހައްލުކުރަން ދެން ޓީމުގައި ތިބި ކުޅުންތެރިން އެބަ ބޭނުންވޭ،"

– މޯހަން

ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އީގަލްސްގެ އެއް ވަނަ ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ނުލައި ކުޅެން ޖެހުމަކީ ދިމާވާ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މޯހަން ބުންޏެވެ. ރިޒޭ ނުލައި ކުޅުނު ދެ މެޗުގައި ފުރުސަތު ލިބި ލަނޑެއް ނުޖެހުމުން އީގަލްސް އަށް އޭނާ މުހިއްމުވާ މިންވަރު އެބަ އެނގޭ ކަމަށް ކޯޗު ބުންޏެވެ.

"ވަރަށް ބޮޑު ޗެލެންޖެއް ދެއްތޯ މިހާ ކުރީކޮޅުގައި ދެ މެޗުން ބަލިވުމަކީ. ދެން މިއާ އެކީގައި ދެން އިތުރަށް މަސައްކަތްކުރަން ޖެހޭނީ ކިހިނެއްތޯ. ރަނގަޅުކުރަން ހެދޭނީ ކިހިނެއްތޯ ބަލަންޖެހޭނީ."

– މޯހަން

ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މި މެޗުގައި ޓީސީ ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށާއި އެއް ކުޅުންތެރިއަކު މަދުވުމުން ވެސް އެކަތިގަނޑެއްގެ ގޮތުގައި މޮޅުވުމުގެ ރޫހުގައި އެ ކުރި މަަސައްކަތް ފާހަގަކުރާ ކަމަށެވެ.

"ކުރިން ވެސް ބުނިހެން އީގަލްސްގައި އެ އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް. މިއީ ހަގީގަތުގައި ކޮންމެ ކޮންމެ ދުވަހަކު ހޯދޭނެ މޮޅެއް ވެސް ނޫން. ހުރިހާ ގޮތަކުން ބެލިޔަސް ޓީސީ ކުޅުންތެރިން އެ ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ،"

– ޝާޒް

މި ސީޒަނުގެ ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ އަލަށް މި ފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ވެސް ބަލިވެފަ އެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ ލީގުގެ ރަނަރަޕް އީގަލްސްއަށް މި ފަހަރުގެ ލީގު ފަށަން ޖެހިފައި މި ވަނީ ޕްރެޝަރުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.