ދިވެހިރާއްޖެއިން މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ފުރަތަމަ ބެޗު މާދަމާ ފުރާނެ ކަމަށް ދިވެހިރާއްޖޭގެ ހައްޖު މިޝަންއިން ބުނެފިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ.
ހައްޖު މިޝަންއިން ބުނީ މިއަހަރުގެ ހައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ 3 ފްލައިޓެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ފްލައިޓްގައި މާދަމާ ޖުމްލަ 298 ހައްޖާޖީން ފުރާނެ އެވެ.
ދެވަނަ ގްރޫޕް 353 ހައްޖާޖީންނާ އެކީ ފުުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގަ އެވެ. އަދި ތިން ވަނަ ގްރޫޕް 339 ހައްޖާޖީންނާ އެކީ ފުރާނީ އަންނަ މަހުގެ 7 ގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވާ 1،000 މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 ފަގީރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
މާދަމާ ހައްޖަށް ދާ ހައްޖުވެރިންގެ ފޮށިތައް ހަވާލުކުރުން މިހާރު ފެށިގެން ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ހައްޖަށް ފުރާ މީހުންނަށް އެއާޕޯޓްއަށް ދެވޭނެ ފަސޭހަ ގޮތެއް ހަމަޖައްސައި ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީއިން ވަނީ އެ ފަރާތްތަކަށް ބަހުގެ ހިދުމަތް ހަމަޖައްސައިދީފައެވެ.