އައްޑޫ ފަތުރުވެރިކަމަށް ގަސްތުގައި ހުރަސް އެޅުމަށް ބަޔަކު މަސައްކަތް ކުރަނީތޯ؟: ނިހާދު

އައްޑޫ ފަތުރުވެރިކަމަށް ގަސްތުގައި ހުރަސް އެޅުމަށް ބަޔަކު މަސައްކަތް ކުރަނީތޯ؟: ނިހާދު

އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގަސްތުގައި ހުރަސް އެޅުމަށް ބަޔަކު މަސައްކަތް ކުރަނީތޯ އައްޑޫ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ސުވާލު އުފައްދަވައިފި އެވެ.

މެމްބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަތަރު އެއަރވޭސް އިން ނާއި އޭރޯފްލޮޓް އިން އައްޑޫއަށް އަންނަ ފަތުރުވެރިން އައްޑޫއަށް ނުދެވި މާލޭ އެއަރޕޯޓްގައި 13 ގަޑީރު މަޑުކުރަން ޖެހޭކަމަށެވެ. އަދި އެ ފަތުރުވެރިންނަށް އެމީހުންގެ މަންޒިލަށް ދެވޭވަރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި 13 ގަޑީރު ތިބުމަށްފަހު ރޭގަނޑު ދަންވަރުކަމަށް ނިހާދު ވިދާޅުވިއެވެ.

" ގަސްތުގައި އައްޑޫ ޓޫރިޒަމަށް ހުރަސް އަޅަން ކުރާ ކަމެއްބާ؟ މައްސަލަ ހޯދައި ވަގުތުން ވަގުތައް ހައްލު ބޭނުން!"

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާއި ގައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ނައިބުރައީސް ފައިސަލް ނަސީމް ޓެގްކުރައްވާ، ނިހާދު ކުރެއްވި ޓްވީޓްގައި ބުނެފައިވެއެވެ.

މެމްބަރު ނިހާދަކީ އައްޑޫސިޓީ ގަމުގައި، އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް، ހައްލުކޮށްދިނުމަށް އެދި ފާޅުގައި ކަމާގުޅުންހުރި ވުޒާރާތަކަށްވެސް ބަސްވިދާޅުވީ ބޭފުޅެކެވެ. އެގޮތުން އެކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ނުކޮށްދެވޭނަމަ ޒިންމާ އުފުއްލަވަން މަޤާމުތަކުގައި ތިއްބެވި ވަޒީރުން އިސްތިއުފާ ދެއްވުމަށް ނިހާދު މީގެ ކުރިން ވަނީ ގޮވާ ލައްވާފައެވެ.

މި ފަހަކަށް އައިސް ރާއްޖެއަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމާއި، ކޯވިޑުން ރައްކާތެރިވުމަށް އެއަރޕޯޓްގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުން ފަތުރުވެރިންނަށް ރިސޯޓުތަކަށް ނުދެވި ގިނަ ވަގުތު އެއަރޕޯޓްގައި ތިބެންޖެހުމަކީ، ފަތުރުވެރިކަމުގެ ވިޔަފާރީގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުމަކަށް ވަނީ ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!