މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ.
ޒަކާތު ހައުސް އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން މެންދުރުފަހު 12:00ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ މީހުންނަކީ ވެސް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެ މީހުން ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވާން ނުޖެހޭނެއެވެ.
ޒަކާތު ހައުސް އިން ބުނީ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމު އެ އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި ފޯމް ބަލައިގަންނަނީ އިދާރާގެ ކައުންޓަރުން ކަމަށެވެ.
ކޮމެންޓު ފޮނުވާ