ކޯވިޑް-19ގެ ސަބަބުން ބަންދުކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރެކޯޑު އަދަދަކަށް މިއަދު ފަތުރުވެރިން ރާއްޖެ އެތެރެވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރާއްޖެއަށް 5555 ފަތުރުވެރިންނަށް ވުރެ ގިނައިން އައިސްފައި ވާކަމަށެވެ. މިއީ ބޯޑަރު އަލުން ހުޅުވާލިފަހު އެއްދުވަހާ މިހާތަނަށް ފަތުރުވެރިން އައިކަން ރެކޯޑްކުރެވުނު ދުވަހެވެ. އިއްޔެވެސް ރާއްޖެއަށް ވަނީ 4760 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިމަހު މިހާތަނަށް އެވްރެޖް ގޮތެއްގައި ދުވާލަކު 2600 އަށްވުރެ މަތީރޭޓަކުން ފަތުރުވެރިން އަންނަމުން ދެއެވެ.
AlhamdhLillah.
A new record and a nice number surpassed again. Today #Maldives welcomed over 5555 tourists. Thanks to travel and tourism partners, related authorities and lovely Maldivian community for working towards tourism recovery. Love you ALL.#TogetherWeCan@visitmaldives— Abdulla Mausoom (@Mausoom_Maus) December 20, 2020
އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަވަމުން ދާތީ، ގިނަ އެއާލައިންތަކުންވެސް ރާއްޖެއަށް ހާއްސަ ދަތުރުތައް އަންނަނީ ބާއްވަމުންނެވެ. އަދި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް އުފުލި އެއަރލައިން ތަކުން ދުވާލަކު ކުރާ ދަތުރުތައްވެސް މިވަނީ އިތުރުކޮށްފައެވެ. އެގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ މީހުން އުފުލާ އިއްތިހާދާއި ގަތަރު އެއަރވޭސް އިން ދުވާލަކު 3 ދަތުރު ރާއްޖެއަށް ގެންދަނީ ބާއްވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޖުލައި 15 ވަނަ ދުވަހު ހުޅުވާލިފަހުން މިއަދާއި ހަމަޔަށް ކުރަމުންދިޔަ ބުރަ މަސައްކަތުން ރާއްޖެއިންވަނީ ބޮޑު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ރާއްޖެއަށް މިމަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް ވަނީ 5 ލައްކަ ވަނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެއްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މަރޗް މަހުގެ ތެރޭގައި ބަންދުކުރަން ޖެހުމާއި، މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާޢަތަށް އައި ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް އައި ބޮޑު ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާ އެއް ސަބަބަކީ ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ އެންމެންގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރައްވައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ މިއަހަރު ހާސިލްކޮށްފައެވެ. މިއީވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގްބޫލުވާ އެއް ސަބަބެވެ.