މިއަހަރުގެ ތިމާވެށީގެ ދުވަހު މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސް ކަމަށެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަސްތަކުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތައްކަމަށް އޭނާ ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ މީގެކުރިންވެސް ރާއްޖޭގައި މިފަދަ ބައެއް ޕްރޮގްރާމްތައް ކުރިޔަށް ގެންދެވިފައިވާ ކަމަށާއި، އެހެންނަމަވެސް އެ ޕްރޮގްރާމްތަށް އެކަށީގެންވާ ގޮތުގައި ކުރިޔަށް ނުދިޔައީ އެ ގަސްތައް އެކަށީގެންވާ ގޮތުގައި ބެލެހެއްޓިފައި ނުވާތީ ކަމުގައެވެ.
މީގެ ކުރިން ވާާއެއްޗަކީ ގަސް އިންދާފަ އެ މޮނިޓަރއެއް ނުކުރެވޭ.ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ މޮނިޓަރ ކޮށްގެން ކުރިއަށްގެންދާނީ. މިކަމުގައި ކުރެވިފައި ހުރި އެކްސްޕީރިއެންސާއެކު އެއަށްވުރެ ރަނގަޅަށް މި ޕްރޮގްރާމް ކުރިއަށްދާނެ.
މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ތޯރިގް ވިދާޅުވި މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގައި 90އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދޭނެކަމަށާއި، އަދި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތުގައި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ ގޮތުން ރަށްރަށުގައި ނާސަރީތައް ގާއިމްކޮށް އާންމުންނަށް ގަސްލިބޭނެ އިންތިސާމްތައް ހަމެޖެހިގެން ދާނެކަމުގައެވެ.
ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ގުޅޭ ގޮތުން "ކޮޕް28″ ސަމިޓްގައި ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.