ކަރީނާ ކަޕޫރް ޚާން އޭނާގެ ފުރަތަމަ ފޮތް "ޕްރެގްނެންސީ ބައިބަލް" ދައްކާލައިފިއެވެ.
ބޮލީވުޑްގެ ކާމިޔާބު ސްޓާރެއްގެ އިތުރުން ކަރީނާއަކީ ކާމިޔާބު މަންމަ އެއްވެސް މެއެވެ. އޭނާގެ ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޚާންއަށް މިއަދު 4 އަހަރު ފުރުމާގުޅިގެން، އަލަށް މައިންނަށް ވާ މީހުނަށް ހާއްސަކޮށް އޭނާދޭ ހަދިޔާއެއްގެ ގޮތުގައި ވަނީ އޭނާ އަމިއްލައަށް ލިޔާ ފޮތް ޕްރެގްނެންސީ ބައިބަލް އިންސްޓަގްރާމްގައި ދައްކާލާފައެވެ.
މި ފޮތުގެ ބޭރުގަނޑު ދައްކާލައި ކަރީނާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ މި ފޮތުގައި އަލަށް ބަނޑުބޮޑުވާއިރު އަންހެނެއް ތަހަންމަލްކުރާ ހުރިހާ ކަމަކަށް ބަލާލާފައި ވާނެ ކަމަށެވެ. އެގޮތުން މޯނިންގ ސިކްނަސް އާއި ކެއުން ބަހައްޓަންވީ ގޮތާއި ކަސްރަތު ކުރުމާއި ހެލިފެލިވެއުޅުމާ ގުޅޭގޮތުން އޭނާގެ ތަޖުރިބާ އާއެކު އައު މަންމައިންނަށް މުހިންމު މައުލޫމާތު މި ފޮތުގައި ހުންނާނެ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
އަދި އިންތިޒާރު ކުރަނީ އެންމެންވެސް މި ފޮތް ކިޔާނެ ދުވަހަކަށް ކަމަށާއި އަންނަ އަހަރު މިފޮތް ޝާއިއުކުރާނެ ކަމަށްވެސް ކަރީނާ ވަނީ ބުނެފައެވެ.
ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރަށް މިއަދު 4 އަހަރު ފުރިފައި ވާއިރު، ކަރީނާ މިހާރު އިނީ އޭނާގެ 2 ވަނަ ދަރިއަށް ބަލިވެއެވެ. މާބަނޑު ދުވަސްވަރު ވެސް ވަރަށް އެކްޓިވްކޮށް ފެންނަ ކަރީނާގެ ދެވަނަ ދަރިފުޅު ވިހާނީ އަންނަ މާޗް މަހުއެވެ. އޭނާ ދެވަނަ ދަރިއަށް ބަލިވެއިންކަން ހާމަކުރީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. ކަރީނާ ދާދި ފަހުން ވަނީ އޭނާގެ 2 ވަނަ ދަރިފުޅަށް ބޮޑުވެފައިވާ ބަނޑު އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ދައްކާލާފައެވެ.
ކަރީނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ދެން އެންމެ އަވަހަށް އާންމުންނާ ހަމައަށް އަންނާނީ އާމިރް ޚާނާއެކު ފެނިގެންދާ، ފިލްމް "ލާލްސިންގް ޗައްޑާ" އެވެ.