ޖުނައިދު އާއި ހުޝީ ޖޯޑު

ޖުނައިދު އާއި ހުޝީ ޖޯޑު

Author
ފާތިމަތު ނާވީ
09 މެއި 2024 08:51
0

ބޮލީވުޑްގެ ޕާފެކްޝަނިސްޓް ގެ ގޮތުގައި މަޝްހޫރު އާމިރު ހާން ގެ ފިރިހެން ދަރިފުޅު ޖުނައިދު ހާން އާއި ބޮލީވުޑްގެ އެފަދަ ދެވަނައެއް ނެއް ބަތަލާ މަރުހޫމާ ޝްރީދޭވީ ގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން އަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހުޝީ ބޮލީވުޑްއަށް ތައާރަފްވީ މިދިއައި އަހަރު ގިނަ ސްޓާކިޑުން ތަކެއް ތައާރަފްކުރި ފިލްމް "ދި އާޗީސް" އިންނެވެ. ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ މި ފިލްމް އަކީ ނެޓްފަލިކްސް އާއި ގުޅިގެން ގެނެސްދިން ފިލްމްއެކެވެ. ފިލްމް އަށް އުންމީދު ކުރިވަރާއި ގާތަށް ވެސް ތަރުހީބު ލިބިފައިއެއް ނުވެއެވެ.

ޖުނައިދު އާއި އެކުގައި ހުޝީ ފިލްމް އަކަށް ތައްޔާރު ވަމުން ދާއިރުގައި އޭނާ އަންނަނީ އެކްޓަރު ސައިފް އަލީ ހާން އާއި ކުރީގެ ބަތަލާ އަމްރިތާ ސިންގް ގެ ފިރިހެން ދަރިފުޅު އިބްރަހިމް އަލީ އާއި އެކުގައި ވެސް ފިލްމް އެއް ކުޅެމުންނެވެ.

ޖުނައިދު އާއި ހުޝީ އެކުގައި ކުޅޭ ފިލްމް އަކީ 2022 ގެ ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ރިމޭކެކެވެ. ފިލްމުގެ ހިންދީ ވާޝަންގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2022 ގައި ރިލީޒްކުރި އާމިރުގެ "ލާލު ސިންގް ޗަައްޑާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަނެވެ.

ނަން އަދި އިއުލާން ނުކުރާ ފިލްމު ޕްރޮޑިއުސް ކުރަނީ "ކްއީން" އާއި "މަސާން" އަދި "އުޅުތާ ޕަންޖާބު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ފޭންޓަމް ފިލްމްސްއިންނެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ލަވް ޓުޑޭ" އަކީ ޕްރަދީޕް ރަންގަނާތަން ލިޔެ، ޑައިރެކްޓް އަދި އޭނަ ބަތަލުގެ ރޯލު ވެސް ކުޅުނު ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމުގެ ބަތަލާ އަކީ އިވާނާ އެވެ.

ޖުނައިދު ތައާރަފުކުރަން ހަމަޖެހިފައި ވަނީ ޔާޝްރާޖް ފިލްމްސް މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޕީރިއަށް ފިލްމު "މަހާރާޖާ" އިންނެވެ. އޭނަ މިދިޔަ އަހަރު ވަނީ ދެކުނުގެ ބަތަލާ ސައީ ޕައްލަވީއާ އެކީ ކުޅުނު ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.