ޑިމޮކްރެޓްސްއިން ފުރަތަމަ ފަހަރަށް އިންތިހާބީ ގޮނޑިއެއް ކާމިޔާބު ކޮށްފި

ޑިމޮކްރެޓްސްއިން ފުރަތަމަ ފަހަރަށް އިންތިހާބީ ގޮނޑިއެއް ކާމިޔާބު ކޮށްފި

Author
ހުސައިން
04 މެއި 2024 10:42
0

ކުރީގެ ރައީސް ނަޝީދު އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ފުރަތަމަ ފަހަރަށް އިންތިޚާބީ ގޮނޑިއެއް ކާމިޔާބު ކޮށްފިއެވެ. އެޕާޓީން ކާމިޔާބު ކޮށްފައިވަނީ މިއަދު ބޭއްވި ހަ ކައުންސިލެއްގެ ބައި އިލެކްޝަންގެ ތެރެއިން މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ގޮނޑިއެވެ.

މިއަދު ބޭއްވި ހަ ކައުންސިލެއްގެ ބައި އިލެކްޝަނުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީއިންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމުގެ އިންތިހާބާއި، ހއ. އުތީމާއ، ނ. ވެލިދޫގެ އިތުރުން މ. ލަންދޫގެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ހއ. ތަކަންދޫ އާއި ރ. އިންނަމާދޫގެ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމުގެ ބައި އިލެކްޝަނެވެ.

ކޮމިޝަނުން އާންމު ކުރި ނަތީޖާތައް ދައްކާ ގޮތުން އިންތިހާބުގައި ޕީއެންސީއަށް ހަތަރު ގޮނޑި ކާމިޔާބު ކުރެވުނެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އެއް ގޮނޑި އަދި، ޑިމޮކްރެޓްސްއިން ވަނީ އެއް ގޮނޑި ކާމިޔާބު ކޮށްފައެވެ.

އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ހއ. އުތީމު ކައުންސިލްގެ މެމްބަރުކަން ޕީއެންސީގެ އިބްރާހިމް ސުނާނަށް ލިބުނު އިރު، ލަންދޫގެ ގޮނޑި ލިބުނީ އެމްޑީޕީގެ މެމްބަރު އަބްދުﷲ އާރިފަށެވެ. އަދި ވެލިދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ރައްޒާގު އެވެ.

ކައުންސިލްގައި އަންހެނުނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން، ތަކަންދޫގެ ކައުންސިލަށް އިންތިހާބުވެފައި ވަނީ ޕީއެންސީގެ ސަމީނާ މުހައްމަދެވެ. އަދި އިންނަމާދޫގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ މެމްބަރު އައިޝަތު ސަމާހާ އެވެ.

މިފަހުން ބޭއްވި ކައުންސިލްތަކުގެ ބައި އިލެކްޝަނުގެ ގިނަ ގޮނޑިތައް ލިބިފައި ވަނީ ޕީއެންސީއަށެވެ. އަދި މި މަހުގެ 28 ގައި އައު ދައުރަކަށް ހުވާ ކުރުމަށް ތައްޔާރުވެފައިވާ 20 ވަނަ މަޖިލީހުން ވެސް ސަރުކާރަށް ވަނީ 93 ގޮނޑީގެ ތެރެއިން 76 ގޮނޑިއާއި އެކު ސުޕަ މެޖޯރިޓީ ލިބިފަ އެވެ. މި އިންތިޚާބު ޑިމޮކްރެޓްސްއިން ނިންމާލީ %2ގެ ވޯޓާއި ސުން ގޮނޑިއާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.