ބިދޭސީން ގަވައިދަށް ފައްތަން "ކުރަނގި" އޮޕަރޭޝަން ފަށައިފި

ބިދޭސީން ގަވައިދަށް ފައްތަން "ކުރަނގި" އޮޕަރޭޝަން ފަށައިފި

ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ ގޮތުން "ކުރަނގި" ނަމުގައި ހޯމް މިނިސްޓްރީން އިސް ނަގައިގެން ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

މި އޮޕަރޭޝަން ރަސްމީކޮށް ފަށާފައި ވަނީ ކ. ހިންމަފުށީގައެވެ.

ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

"މިވަގުތު މި އޮޕަރޭޝަނުގެ އެއްވެސް ވިސްނުމެއް ނޫން މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުމަކީ. މިވަގުތު އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ މީހުންތައް ދެނެގަނެފަ، ކާކު ހުރި ކޮންތާކުތޯ، ކީއްކުރަނީތޯ އެމީހާ، އެމީހާގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުން،" އިހުސާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މި އޮޕަރޭޝަންގައި ފުލުހުންނާއި އިމިގްރޭޝަން ވެސް ބައިވެރިވާނެ ކަމަށާއި އެ މުއައްސަސާތައް ބައިވެރިވެގެން ޓާސްކް ފޯސް ޓީމުތަކެއް އެކުލަވާލާފައިވާނެ ކަމަށެވެ. އެ ޓީމުތަކުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ގޮސް ބިދޭސީންގެ މައުލޫމާތު އެއް ކުރާނެ ކަމުގައި އިހުސާން ވިދާޅުވިއެވެ.

"ފުރަތަމަ އެއް އަހަރު މި ބަލަނީ ބިދޭސީން ކޮންތާކު، ކާކުތާ ހުރީ އަދި އޭނާގެ އައިޑެންޓިޓީ ގާއިމްކުރުން. ޖެހިގެން އަންނަ ދެ އަހަރު މަސައްކަތްކުރާނީ ކަށަވަރުނުވާ، ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭނެ މީހުން ރާއްޖެއިން ބޭރު ކޮށްލަން. ޖުމްލަ ތިން އަހަރުގެ މަސައްކަތެއް މި ފަށަނީ. ފުރަތަމަ ފޭސް މިއީ އެއް އަހަރުގެ މަސައްކަތެއް." އިހުސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ހޯމް މިނިސްޓްރީގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދޭނެ ކަމަށެވެ. އަދި އެ މައުލޫމާތު އަދާހަމަކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގަ ބޮޑު މަސައްލައަކަށް ވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ސަރުކާރުންވެސް މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް އެ ސަރުކާރަށްވެސް އެމަސައްކަތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *