ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްވެރިންނަށް މިހާތަނަށް 850 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
"އަހާ" ނަމުގައި ކުރިއަށް ގެންދިޔަ ޕަބްލިކް ފޯރަމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުގައި މަސްވެރިންނަށް ނުދެވި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހުކޮޅުގައި މަސް ކިލޯއެއްގެ އަގު 17ރ. އިން 25ރ. އަށް ބަދަލު ކުރުމުން އައި ބެކްލޮގެކެވެ.
އެ ފައިސާ ކުއްލިއަކަށް ދެއްކުމަކީ ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އުނދަގޫވި ކަމެއް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވި ގޮތަށް މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ހަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުނު ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އަދި އެ ފައިސާ ރަމަޟާންމަހުގެ ކުރިން ދައްކާ ހަލާސްކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
"ﷲގެ އިރާދަފުޅުން މިއަދު ވާހަކަ ދައްކާއިރުގައި މަސްވެރިންނަށް މިހާތަނަށް، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޒައާމަތާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ އަދަދުތަކުން، 850 މިލިއަން ރުފިޔާ ދެއްކިއްޖެ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެންމެ ފަހުން ބެލިއިރުގައި މަސްވެރިންނަށް މިހާރު ނުދެވިއޮތީ 27 މިލިއަން ރުފިޔާ އެވެ. އެ އަދަދަކީ މަސްވެރިން ބާނާ މަހަށް އެ ދުވަހުން އެ ދުވަހަށް ފައިސާ ނުދެވޭ ނަމަ، އަދަދު އިތުރުވާނެ އަދަދެއް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިއީ ނުދެއްކޭނެ އަދަދެއް ނޫން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
"މިއީ ނުދެއްކޭނެ އަދަދެއް ނޫން. އިރާދަކުރެއްވިއްޔާ މިމަހު މުސާރަ ނިންމާފައި، މިފްކޯ އިން މަސްވެރިންނަށް ނުދެއްކި ހުރި ފައިސާ ދައްކާނެ،" ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ