ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސް މުހައްމަދު ފިރާޒު ސިޔާސީ ކަންކަމުގައި އުޅުއްވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމެޓީން ބަލަން ފަށައިފި އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބުނާ ގޮތުން ޕީސީބީގެ ރައީސް އާއި ނައިބު ރައީސަށް ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ނުތިއްބެވޭނެ އެވެ.
ޕީސީބީގެ ނައިބު ރައީސް ފިރާޒުގެ ސޮއި ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި އޮންނަ ކަމަށާއި، އިލެކްޝަން ކޮމިޝަނުން އެއްވެސް ޕާޓީއެއްގެ ދަފްތަރުގައި އޮވޭތޯ ބެލުމަށް ގާއިމްކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެކަން ޔަގީންކޮށްފައި ވާނެ ކަމަށް މިއަދު އެސްއޯއީ ކޮމެޓީގައި ބައިވެރިވި ގިނަ މެންބަރުން ފާހަގަ ކުރެއްވި އެވެ.
އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުން ފިރާޒު ކޮންގްރެސްއާ ގުޅިވަޑައިގަތީ އޭޕްރީލް 11، 2013 އިގަ އެވެ.
މިއަދު އެސްއޯއީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވީ ފިރާޒު އެއްވެސް ގޮތަކަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފައިވާނަމަ އެކަން ޔަގީން ކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ.
"ޕީސީބީގެ މެންބަރުންނަކީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ޖެހޭ ބައެއް ނޫން. އެހެންވީމަ އެމީހުން ސިޔާސީ އެއްވެސް ކަމެއްގައި، އަދި ސިޔާސީ ޕާޓީއެއްގައި ވެސް ބައިވެރިވެފައިވާ ނަމަ އެއީ ޝަރުތެއް ގެއްލުނީ. ފުރަތަމަ ބަލަންވީ މީނާއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްތޯ،" މެންބަރު އަފީފް ވިދާޅުވި އެވެ.
އަފީފްގެ ހުށަހެޅުއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ތާއީދު ކުރެއްވި އެވެ.
މި ކޮމެޓީ ބައްދަލުވުމުގައި އެސްއޯއީ ކޮމެޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ބައެއް ކެންޑިޑޭޓުންގެ ކެމްޕޭނުގައި ފިރާޒު ހަރަކާތްތެރިވެ ވަޑައިގެންނެވި ކަމަށެވެ. އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓު ކަމަށް ބެލެވޭ އެކައުންޓެއްގައި، ވަކި މީހަކަށް ވޯޓު ދޭން އެދިފައިވާ ބައެއް ޕޯސްޓުތައް ހުރިކަން ފާހަގަކުރެއްވި އެވެ.
މިއަދުގެ އެސްއޯއީ ކޮމެޓީގައި ނިންމީ ފިރާޒު އެއްވެސް ޕާޓީއެއްގެ ދަފްތަރުގައި އޮތްތޯ އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ބލަން އަދި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ބެލުމެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕީސީބީއަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ.
ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޑެކެވެ. މި ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ކުންފުނިތަކުގެ ބޯޑުތަކުން މަސްއޫލިއްޔަތު އަދާކުރޭތޯ ބެލުމާއި، ކުންފުނިތަކުގެ ހިއްސާ ވިއްކުމާ ގުޅޭ ކަންކަން ކުރުން ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ