އިންޑިއާގެ ބޮޑުވަޒީރަށް ފާޑު ކިޔައިގެން މީގެ 3 މަސްކުރިން ސަސްޕެންޑްކުރި 3 ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިބީ ސަސްޕެންޝަންގައިކަމަށް ސަރުކާރުގެ ތަރުޖަމާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވަލީދު ވިދާޅުވީ އެ ތިން ޑެޕިއުޓީ މިނިސްޓަރުންގެ ސަސްޕެންޝަން އުވާލިކަން އަދި އެނގިފައި ނުވާކަމަށާއި، އެހެންނަމަވެސް އެ ބޭފުޅުން ސޯޝަލް މީޑިއާގައި ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ އެބޭފުޅުންގެ އަމިއްލަ ކަމެއްކަމުގައިވެސް ހީނާ ވިދާޅުވިއެވެ.
ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޝަންގައި ތިބިކަމަށް ހީނާ ވިދާޅުވި ނަމަވެސް، ތިން ބޭފުޅުންވެސް ވަނީ ރައީސް މުއިއްޒު ރާއްޖެތެރެއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުތަކުގައިވެސް ދާދިފަހުން ބައިވެރިވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑުކޮށްފައިވަނީ ފާއިތުވި ޖެނުއަރީމަހުގެ 7 ވަނަ ދުވަހުއެވެ.
ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކުރިއިރު، އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އޭރުވަނީ ބޮޑު ކެމްޕޭނެއް ކޮށްފައެވެ. އެ މައްސަލަގަނޑު އުފެދުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ޕޯސްޓެއް ކުރުމުން އެކަމާ ދެކޮޅަށް، ސަސްޕެންޑު ކުރި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ.
އެއަށްފަހު އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން މަދުވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ