މިސަރުކާރުން ލ. އަތޮޅުގައި ތަރައްގީކުރާ އެއް ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ދުބާއީ ކުންފުންޏަކާއި ވަރަށް އަވަހަށް ހަވާލު ކުރާނެކަމަށް ޓޫއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެންވިދާޅުވީ ލ. ފޮނަދޫ ދާއިރާގެ މެމްބަރުކަމަށް އޭނާ ބައްޕަ އަބުދުއްރަހީމް އިންތިޚާބު ވުމުގެ އުފަލުގައި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބޭއްވި ސައިކަލް ބުރަށްފަހު ވާހަކަ ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ، ވަން އައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓް މިސަރުކާރުން ތަރައްގީ ކުރުމަށް ހަމަޖައްސާފައިވާ ކަމުގައެވެ. އެގޮތުން އެކޮންސެޕްޓްގެ ދަށުން ތަރައްގީކުރާ ފުރަތަމަ ރިސޯޓް ތަރައްގީކުރަން ނިންމާފައިވަނީ ލ. މާފަރުގެ ފަޅުތެރޭގައި އޮތް ފަޅު ރަށެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ އެ ރިސޯޓު ތަރައްގީ ކުރުމަށް މިހަފްތާ ތެރޭގައި ދުބާއީ ކުންފުންޏަކާ ހަވާލުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މި ރިސޯޓުގެ މަސައްކަތް ކުރިޔަށް 3 އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އިއްޔެގެ އިވެންޓުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެ އަތޮޅު ފަތުރުވެރިކަަމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ވައިގެ މަގުން ކުރާ ދަތުރުގެ އެއަރފެއަރ ކަމަށާއި ރައީސްގެ ސަމާލުކަމަށް އެމައްސަލަ ގެނެސްގެން ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއްވެސް ތައްރަގީ ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.