ފެބުރުއަރީ 1 ގެ ޢަމުރުނެރުނު 5 ފަނޑިޔާރުންވެސް އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެ: މުޢިއްޒު

ފެބުރުއަރީ 1 ގެ ޢަމުރުނެރުނު 5 ފަނޑިޔާރުންވެސް އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެ: މުޢިއްޒު

Author
މުޙައްމަދު ޖިމީ
20 ޑިސެމްބަރ 2020 09:11
0

އެކެއް ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުންކަމަށާއި، އޭގެ ނަތީޖާއަށް އެ ފަސް ފަނޑިޔާރުންވެސް ޒިންމާވާން ޖެހޭނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވެފައިވަނީ، މިހާރުގެ ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އޭރުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ގުޅިގެން އޭރު އޮތް ޤާނޫނީ ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތު ފުރަތަމަ ފަހަރަށް އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ކުރެއްވުމާއި ގުޅިގެންނެވެ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީން ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށެވެ. މިއީ މިކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އެއްޗެކޭ ވިދާޅުވި ފުރަތަމަ ފަހަރެވެ.

ޑރ.އަޙްމަދު ޢަބްދުﷲ ދީދީއަށް ރައްދު ދެއްވަމުން މުޢިއްޒު ވިދާޅުވީ، ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫންކަމަށެވެ. އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުންކަމަށާއި، އެ 5 ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ސުޕްރީމް ކޯޓުން ނެރުނ ޢަަމުރުގައި އުއްތަމަ ފަނޑިޔާރަކަށް އޭރު ހުންނެވި ޑރ.އަޙްމަދު ޢަބްދުﷲ ދީދީވެސް ސޮއިކުރައްވާފައިވެއެވެ. 2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށްވެސް ކަނޑައެޅި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.