"ވާނުވާ"ގެ ބަންދަށް އޮތް އެންމެ ބޮޑު ހައްލަކީ، ދެމިގެންދާ ގޮތަށް ނުވަތަ ކޮންޓިނިޔަސް ހިއަރިންގ ކުރިއަށް ގެންދިއުންކަމަށާއި އޭގެ ފައިދާ ފެންނަމުންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ މިހެން ވިދާޅުވެފައިވަނީ “ވާނުވާ” ބަންދުގެ ޙަޤީޤީ ވެކްސިން" މިނަމުގައި އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމުގައެވެ. ޕީޖީ ވިދާޅުވީ، ބަންދު، “ވާނުވާ” އަކަށްވަނީ، އެމީހެއްގެ ޝަރީޢަތް ފެށޭނެ ދުވަހެއް، އަދި ނިމޭނެ ދުވަހެއް ނޭނގި، ޝަރީޢަތް ޝެޑިއުލްކުރާނެ ދުވަހެއްވެސް ނޭނގި ހުންނާތީކަމަށާއި، އެހެންކަމުން، އެއްވެސް ބަންދެއް “ވާނުވާ” ބަންދަކަށް ވުމުގެ އަސާސީ ޝަރުޠަކީ، އެމީހަކު ބަންދުގައި ހުންނާނެ ދުވަހެއްގެ އަންދާޒާއެއް ކުރަންވެސް ނޭނގުން ނުވަތަ “ވާނުވާ” ނޭނގުންކަމަށެވެ.
އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެކަމަށް ޙައްލެއް ހަމަ ނެތީތޯ އުފެދޭ ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރަނީ ކޮންމެ ކަމަކަށްވެސް ވަކި މުއްދަތުތަކެއް އޮތުންކަމަށެވެ. އެގޮތުން، މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ޤާނޫނުގައި އޮންނަކަމަށާއި، އެމައްސަލައެއްގައި ދަޢުވާއެއް ކުރާނަމަ، ކުރަންޖެހޭނެ މުއްދަތެއް އޮންނަކަމަށެވެ. ބަންދުގައި ހުރި މީހަކު ނަމަ، 30 ދުވަސް، ބަންދުން ވީއްލިފައި ހުރިނަމަ، 45 ދުވަސްކަން ޕީޖީ ފާހަގަކުރެއްވިއެވެ. ޕީޖީ ޝަމީމް ވިދާޅުވީ، މަޤާމާއި ހަވާލުވެވަޑައިގެންނެވިފަހުން "ވާނުވާ" ބަންދުގައި ތިބޭ މީހުންގެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެމިންގަނޑު އިތުރަށް ހަރުކަސިކޮށްފައިވާކަމަށާއި، މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭކަމަށް ފެންނަ މީހުންކަމަށެވެ.
ޤާނޫނުގައި ބުނާ ގޮތަށް، ތާވަލު ދީގެން ޝަރީޢަތް ހިންގުމަކީ، މައްސަލައިގައި ހިމެނޭ ހުރިހާ މީހުންގެ ޙައްޤުތައް ރައްކާތެރިވާނެ ކަމެކެވެ. ދަޢުވާކުރާ ޕްރޮސިކިއުޓަރަ ޖެނެރަލަށް، އެމައްސަލަ ކުރިއަށްދާނެ ގޮތް އެނގުމުން، ހެކިން ހާޒިރުކުރުމުގެ ކަންތައް ފަހިކޮށްދިނުމަށް ފަސޭހަވެއެވެ. ހެކިންގެ ގޮތުގައި ހެކިބަސްދޭ މީހުންނަށްވެސް، އެމައްސަލަ ހަނދާނުގައި ހުއްޓާ ހެކިބަސްދީ ނިންމާލެވެއެވެ. މައްސަލައިގައި އަނިޔާލިބުނު މީހާއާ ގުޅުން ބަދަހިކޮށް ބޭއްވުމަށް ޕީޖީ އޮފީހުން ކުރާ މަސައްކަތަށްވެސް އެކަމުގެ ސަބަބުން ފަސޭހަވެގެންދެއެވެ. ދަޢުވާލިބޭ މީހާއަށް، އޭނާގެ ބޯމަތީގައި އޮތް މައްސަލަ ނިމޭނެ ދުވަސް އެނގޭނެއެވެ. އެމައްސަލައިން މިނިވަންވެ، އޭނާގެ ޙަޔާތް އަލުން ފަށައިގެން އާރާސްތުކުރަން ޕްލޭން ކުރަން ފަސޭހަވެއެވެ. ކުށުގެ ދުރުހެލިވެ، އަލުން މުޖްތަމަޢަށް އެނބުރި އައުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރު ލިބެއެވެ. ދިފާޢީ ވަކީލުންނަށް، އަދި އަމުދުން ފަސޭހައެވެ. މައްސަލަ އޮންނާނެ ދުވަހުގެ ތާވަލު އެނގުމުން މަސައްކަތް ތަރުތީބުކުރަން ފަސޭހަވެއެވެ. އަވަހަށް މައްސަލަ ނިމޭނަމަ، އެމައްސަލައަކަށް ކުރާ މަސައްކަތުގެ އުޖޫރަ އަވަހަށް ލިބި، ރަނގަޅު ފެންވަރުގެ މަސައްކަތެއް ކުރަން ހިތްވަރު ލިބޭނެއެވެ.
– ޕީޖީ ޝަމީމް ބްލޮގްގައި ލިޔުއްވާފައިވެއެވެ.

ޕީޖީ ވިދާޅުވީ، ވާނުވާގެ ބަންދަށް އޮތް ހައްލަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުންކަމަށެވެ. އެއީ އެމައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން، ދެފަރާތުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޝަރީޢަތް ފެށުމާއި، ޝަރީޢަތް ފެށުމަށްފަހު، އެމައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމެންދެން ޝަރީޢަތް ކުރިއަށް ގެންދިއުންކަމަށް ޕީޖީ ވިދާޅުވިއެވެ.
މިހާރުވެސް ކުރިމިނަލް ކޯޓުން މިއުޞޫލުން ޝަރީޢަތްތައް އެބަ ހިންގަވައެވެ. އެކަމުގެ ހެޔޮ ނަތީޖާވެސް އެބަ ފެނޭމެއެވެ. މިސާލަކަށް، މިހަފްތާގެ ތެރޭގައި ނިމުނު މައްސަލައެކެވެ. އެމައްސަލައިގެ ޙާދިސާ ހިނގައިފައި އޮތީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ފުލުހުންނަށް ރިޕޯޓުވެގެން އެމައްސަލައިގެ ތަޙްޤީޤު ހިންގައި، ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅިފައި އޮތީ އަހަރެއްހައި ދުވަސް ފަހުން، 2019 އޮކްޓޯބަރ މަހުއެވެ. އެމައްސަލައިގެ އަޑުއެހުންތައް 2020 މާރިޗު މަހަށް ޝެޑިއުލް ކުރެއްވިއެވެ. ނަމަވެސް ކޮވިޑު ލޮކްޑައުނާއެކު އޭރު ޝަރީޢަތް ނުފެށުނެވެ. އޭގެ ފަހުން، ޝަރީޢަތުގެ ކުރީގެ މަރްޙަލާ، 3 ދުވަހުން ނިންމެވިއެވެ. އިފްތިތާޙީ ބަޔާނާއި ހެކިބަސް ނެގުން އޮތީ 28 ނޮވެމްބަރ 2020 ގައެވެ. ޖެހިގެން އައި ދުވަހު އޮތީ ޚުލާޞާ ބަޔާން ހުށަހެޅުމެވެ. އެއަށްފަހު، ދެހަފްތާއެއްހައި ދުވަހަށްފަހު، 16 ޑިސެމްބަރ 2020 ދުވަހު މައްސަލައިގައި ޙުކުމް ކުރެއްވިއެވެ. މާނައަކީ ޝަރީޢަތް ފެށުމަށްފަހު، ޝަރީޢަތަށް ހޭދަވީ ޖުމްލަ ތިން ހަފްތާއެއްހައި ދުވަހެވެ. މިމައްސަލައިގައި ކަން ދިމާކުރި ގޮތުން، ދަޢުވާ ލިބުނު މީހާ ހުރީ ބަންދަކު ނޫނެވެ. މިމައްސަލައިގައި ދަޢުވާ ކުރެވި، ސާބިތުވެ، އަދަބު ކަނޑައެޅުނީ ތިރީގައިވާ ގޮތަށެވެ. އަދަބުގެ ޖުމްލައަކީ 30 އަހަރާއި 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
– ޕީޖީ ޝަމީމް ލިޔުއްވާފައިވެއެވެ.
އެހެންކަމުން “ވާނުވާ” ބަންދުގެ ޙަޤީޤީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީޢަތް ހިންގުންކަމަށާއި، ދެމިގެންދާގޮތަށް ޝަރީޢަތް ހިންގުންކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރާ ގޮތަކީވެސް އެއީކަމަށާއި، އެވާހަކަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާޏްކޮށްފައިވާއިރު، ޤާނޫނު ތަންފީޒުވާން ފެށުމުން “ވާނުވާ” ވުމުގެ ފުރުޞަތެއްވެސް ނޯންނާނެކަމަށްވެސް ޕީޖީ ޙުސައިން ޝަމީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ