ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މި މަހުގެ 3 ވަނަ ދުވަހު ސައިޓް މޮބަލައިޒް ކުރެވިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 823 މީޓަރުގެ ސަރަޙައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮލަމާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް މިދިޔަ ފެބްރުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ނިންމި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އިންވެސްޓަރުން ގެނެސް، މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާ މަންޒަރު ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ