ރ.ޔާމީންގެ އިސްތިއުނާފް ނުނިމުމުންވެސް ދޭހަވަނީ އިންސާފް ކަށަވަރުނުވާކަން: ޝަހީމް

ރ.ޔާމީންގެ އިސްތިއުނާފް ނުނިމުމުންވެސް ދޭހަވަނީ އިންސާފް ކަށަވަރުނުވާކަން: ޝަހީމް

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 10:12
0

ރައީސް ޔާމީނަށް އިއްވި ޖަލު ޙުކުމުގެ އިސްތިއުނާފު މިހާތަނަށްވެސް ނުނިމި، ޢާއިލާއާ ބައްދަލުނުކުރެވުމުންވެސް ދޭހަވަނީ އިންސާފު ކަށަވަރު ނުވާކަންކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިއަށްދާ ޝަރީއަތަކަށް މިސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި، އެމަނިކުފާނަށް ޤާނޫނުން ކަށަވަރުކޮށްދޭ ހައްގުތަކަށްވެސް ހުރަސް އަޅަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ވިދާޅުވަމުންނެވެ.

2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓަކަށްވެސް ނިކުމެވަޑައިގަތް ޑރ.ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ބަންދުވި ޙުކުމް އިއްވެވުނު ގޮތް ވަރަށް ސާފުކަމަށެވެ. ޤާޒީ ޢަޒުލުކުރުމުން ފެށިގެން އިސްތިއުނާފު ނުނިމި، ޢާއިލާއާ ބައްދަލު ނުވެ މިއަދާ ހަމައަށް އައި އައުމުން ދޭހަވަނީ އިންސާފު ކަށަވަރު ނުވާކަންކަމަށާއި، ރައީސް ޔާމީން ގެއަށް ބަދަލުކޮށް އިސްތިއުނާފު އަވަސްކޮށް އިންސާފު ކަށަވަރު ކުރަންޖެހޭކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވަވަން ތަޢާވަލުކުރި ދުވަހު އެމައްސަލަ ބައްލަވާ ޤާޒީ ހައިލަމް ވަނީ މައްސަލަ ބެލުމުން ދުރުކޮށް ސަސްޕެންޑްކޮށްފައެވެ. އަދި އެމައްސަލަ ފަހުން ބެއްލެވީ ފަނޑިޔާރު ޢަލީ ރަޝީދެވެ. ފަނޑިޔާރު ޢަލީ ރަޝީދު މިހާރު އިންނެވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައެވެ.

އިއްޔެ އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ އެއްގޮތަކަށްވެސް އެދިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނު ޖަލަށް ލުމުން އެކަމާއި ކީރިތި ކުރެއްވުނުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެވާހަކަފުޅަށް ރައްދު ދެއްވަމުން އިދިކޮޅު ފަރަތްތަކުން ވިދާޅުވެފައިވަނީ، ރައީސް ޔާމީނަކީ ޤައުމާއި ރައްޔިތުންގެ ހައްގުގައި މިސަރުކާރާއި އަޑި އަޑިން ޑީލް ހައްދަވައިގެން ގައުމުން ފިލައިގެންދާނެ ލީޑަރެއް ނޫންކަމަށެވެ. އެމަނިކުފާނަކީ ދިމާވާ ކަންކަމާއި ކުރިމަތި ލައްވައި، އަދި ކޮށްފައިވާ ހުކުމަކީ ނާއިސާފު ހުކުމެއްކަން ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވާނެ ލީޑަރެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް ރައީސް ޔަމީންގެ މައްޗަށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުންނެވެ. އަދި އެހުމް އިސްތިއުނާފްކުރިތީ އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އެމައްސަލަ ނުނިމޭތީ އިދިކޮޅުން އަންނަނީ ފާޑުވިދާޅުވަމުންނެވެ. އިދިކޮޅޫ ޕީޕީއެމް ޕީއެންސީން ބުނީ ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން މި ސަރުކާރުން ގެންދާކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.