ޖަންތާކީ އަދާލަތުގެ ގާނޫނެއް ހަދައި ޢަބްދުﷲ ޤާޟީ ހައްޔަރުކުރި މަައްސަލަވެސް ބެލޭނެ: ހައިލަމް

ޖަންތާކީ އަދާލަތުގެ ގާނޫނެއް ހަދައި ޢަބްދުﷲ ޤާޟީ ހައްޔަރުކުރި މަައްސަލަވެސް ބެލޭނެ: ހައިލަމް

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 09:42
0

އިންތިޤާލީ އިންސާފުގެ ޤާނޫނާއެކީ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު (ޢަބްދުﷲ ޤާޒީ) ހައްޔަރުކުރި މައްސަލަވެސް ބެލޭނެކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާލުވެފައިވަނީ، އިންތިގާލީ އިންސާފު ގާނޫނުގެ ބޭނުމަކީ ތެދު ހާމަކުރުމާއި މާފުކުރުމުގެ އިތުރުން ހަސަދަވެރިކަން ފިލުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ. ހައިލަމް ވިދާޅުވީ، މިހާރު މިފެންނަނީ މިސަރުކާރު އައުމެއް ދެއްކި ވާޖަކަތަކާއި މުޅިން ދިމާއިދިކޮޅު ކަންކަންކަމަށެވެ.

މިއީ ހަސަދައާ ބަދަލުހިފުމުން ފުރިފައިވާ ޤާނޫނެއްކަމަށާއި، ދެން އަންނަ ސަރުކާރަކުން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިސަރުކާރުގެ ފަސް އަހަރު ދުވަސް ހަމަވާ ތާރީޚް، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހިނގާ ކަންކަން ބަލަން "ޖަންތާކީ އަދާލަތު"ގެ ނަމުގައި ޤާނޫނެއް ފާސްކުރާތަން ފެނިގެންދާނެކަމަށެވެ. ބަދަލުހިފުން ހުއްޓައިލައިގެން ނޫނީ ގައުމު ކުރިއަކަށް ނުދާނެކަމަސްވެސް ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ، މި ޤާނޫނާއެކު ކޯޓު އަމުރެއް ނެތި ޢަބްދުالله ޤާޟީ ހައްޔަރުކުރި މައްސަލައާއި، ސުޕްރީމް ކޯޓުން އަމުރުކުރުމުންވެސް ޢަބްދުالله ޤާޟީ ދޫނުކުރި މައްސަލަވެސް އެހެންވީމަ އަލުން ބެލޭނެކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ޢަބްދުﷲ ޤާޟީ ހައްޔަރުކުރި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއްވެސް އިއްވިއެވެ. ނަމަވެސް ފަހުން އެހުކުމް ސުޕްރީމް ކޯޓުން ވަނި ބާޠިލުކޮށްފައެވެ.

ކޯޓު އަމުރެއް ނެތި ޢަބްދުالله ޤާޟީ ހައްޔަރުކުރި މައްސަލައާއި ސުޕްރީމް ކޯޓުން އަމުރުކުރުމުންވެސް ޢަބްދުالله ޤާޟީ ދޫނުކުރި މައްސަލަވެސް އެހެންވީމަ އަލުން ބެލޭނެތާ!

– ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް

މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި އިންތިޤާލީ އަދާލަތުގެ ޤާނޫނަކީ 1953 ވަނަ އަހަރު ނުވަތަ ފުރަތަމަ ޖުމްހޫރިއްޔާ އިން ފެށިގެން ރައީސް ޔާމީންގެ ސަރުކާރާއި ހަމައަށް ހިނގާފައިވާ ލާއިންސާނީ މައްސަލަތައް ބެލުމަށް ފާސްކޮށް ތަސްދީޤްކުރި ޤާނޫނެކެވެ. މިޤާނޫނާއެކު މިއީ ބަދަލު ހިފުމުގެ ރޫހުގައި މިސަރުކާރުން ފާސްކުރި ޤާނޫނެއްކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.