ސްޕޯޓްސް އެރީނާތައް ގާއިމްކުރުމުގެ ގިނަ ކަންކަން މި އަހަރު ހިނގާނެ: ރައީސް

ސްޕޯޓްސް އެރީނާތައް ގާއިމްކުރުމުގެ ގިނަ ކަންކަން މި އަހަރު ހިނގާނެ: ރައީސް

Author
އަހުމަދު
03 އޭޕްރިލް 2024 07:29
0

ރާއްޖޭގެ އެކި ރަށްރަށުގައި ސްޕޯޓްސް އެރީނާތައް ގާއިމު ކުރުމުގެ ގިނަ މަސައްކަތްތަކެއް މި އަހަރު ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް ގާއިމުކުރުމުގެ ވައުދާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުޅިވަރު ދާއިރާއަކީ މި ސަރުކާރުން ވަރަށް އިސްކަން ދޭ ދާއިރާއެއް ކަމަށާއި އޭގެ ހެއްކަކަށް ސްޕޯޓްސް މިނިސްޓްރީ ނަމުގައި ވަކި ވުޒާރާއެއް އުފެއްދުން ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުޅިވަރު ކުޅޭ އެކިއެކި ވަސީލަތްތައް ގާއިމްކޮށްދިނުމާއި ކުޅިވަރު ކުޅޭ އެކި ކަހަލަ ފަރާތްތަކަށް އެކި ކަހަލަ ކަންތައްތައް ފަހިކޮށްދިނުން އެއީ މި ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަަމަށެވެ.

"އެއީ ފަރުވާގެ ގޮތުން ވިޔަސް، ތަމްރީނުގެ ގޮތުން ވިޔަސް، އެކަންކަން ކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު ސިޔާސަތެއް،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމްކޮށްދިނުމާއި، ވަކިކަހަލަ ކޯޓުތައް އަޅާ ދިނުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ކަމަށެވެ. މިހާރު ވެސް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ އިރު، ބައެއް މަޝްރޫއުތައް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ސްޕޯޓްސް އެރީނާ އަދި ވަކިވަކި ކޯޓުތައް އެޅުމާއި، އިންޑޯ ކޯޓުތަކާއި އަންހެން ބޭފުޅުންނަށް ހާއްސަކޮށް ބޭނުންވޭ ހޭންޑްބޯލް ކޯޓު، މިހެންގޮސް އެކި ކަހަލަ ކޯޓުތައް އެޅުމަށް މި އަހަރު ތެރޭ ގިނަ މަސައްކަތްތަކެއް ހިނގާނެ،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.