ރައީސް ޑރ. މުއިއްޒު.

ހުރިހާ ވައުދެއް ފުއްދޭނެ، އެކަމަށް އެންމެ މުހިންމީ މަޖިލިހުގެ މެޖޯރިޓީ: ރައީސް

ހުރިހާ ވައުދެއް ފުއްދޭނެ، އެކަމަށް އެންމެ މުހިންމީ މަޖިލިހުގެ މެޖޯރިޓީ: ރައީސް

އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެކަމަށް އެންމެ މުހިންމީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މާލެ ސިޓީ، މ.މެޑަލްމާގޭ، އިސްމާއިލް ނިޔާޒް ކުރި ސުވާލުގައި ބުނެފައިވަނީ ވެރިކަމެއް ނިމިގެންދާ އިރުގައި ވެރިއަކު ފުއްދަން ވިދާޅުވާ ވައުދުތަކުގެ ތެރެއިން %50 ވެސް ނުނިމޭ ކަމަށެވެ. އެހެންވެ، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދު ފުއްދައި ދެވިދާނެ ކަމުގެ ކިހާ ބޮޑު ޔަގީންކަމެއް އެބައޮތްތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދެއް ވެވަޑައިގަތީ ފުއްދުމުގެ ނިޔަތުގައި އަދި ފުއްދޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި އެ ވައުދުތައް ފުއްދަންވީ ގޮތް ވެސް އެނގިވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން "ހަފްތާ 14″ އަށް ވީ ވައުދުތަކުގެ ގާތްގަނޑަކަށް %100 ވައުދު ފުއްދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"97% ވަރު އަޅުގަނޑުމެންނަށް ފުއްދުނު ހުރިހާ ވައުދެއްގެ. ދެން މި ހުރީ މަޖިލިހުގެ ދައުރު އަދާކުރަން ޖެހޭ ވައުދުތައް،" ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ވަރަށް ގިނަ ގާނޫނުތައް ހަދަން ބޭނުން. ބޯހިޔާވަހިކަމުގެ ދާއިރާއިން، އުމްރާނީ ތަރައްގީގެ ދާއިރާއިން އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް މުހިންމު ވަރަށް ބޮޑު ލެޖިސްލޭޓިވް އެޖެންޑާއެއް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ބަރޯސާވަނީ މަޖިލީހުން ފާސްކޮށްދޭ ބަޖެޓަށް ކަމަށާއި ބަޖެޓަކީ މަޖިލިހުގެ ފުރިހަމަ ބާރު އޮންނަ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓުގައި މަޝްރޫއުތަކެއް ހިމަނާފައި ފޮނުވީމަ އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫއުތަކުގެ އަދަދުތައް ކުޑަކޮށްލައި، އަނެއް ބައި މަޝްރޫއުތައް އެއްކޮށް އުނިކޮށްލާފައި ބަޖެޓް ވަނީ ފާސްކޮށްފައެވެ.

މިހެން މިކަން ހުރުމުގެ ސަބަބުން ވަރަށް ދަތިތައް ދިމާވާ ކަމަށާއި ހިނގަމުންދާ މަޝްރޫއުތައް ބާރު ސްޕީޑްގައި ހިންގަން ވެސް ދަތިވާ ގޮތަށް ބަޖެޓު ފާސްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އަލަށް ފަށަން ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ފައިސާ ވެސް ހިމަނާފައި އޮތީ ފަހު ކުއާޓަރުގައި ކިރިޔާ ފެށޭ ގޮތަށް މަދު އަދަދެއްގެ ފައިސާ ހިމަނައިގެންނެވެ.

"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ހުރިހާ ވައުދެއް އަޅުގަނޑަށް މި ދައުރުގައި ފުއްދޭނެ އެހެން ނަމަވެސް، ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން. މަޖިލީހުގެ އެއްބާރުލުން ނުލިބި ރާއްޖޭގައި މިއޮތް ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ސަރުކާރުން ކަންކަން ފުރިހަމަ ކަމާ އެކުގައި ކޮށްދެވޭނެ ގޮތެއް ނެތް،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން އެމަނިކުފާނަށް ވަރަށް މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ވެސް ސަރުކާރަށް ބޭނުން ވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭރުން މަޝްރޫއުތައް ވެސް ބާރު ސްޕީޑްގައި ހިނގައި މަޝްރޫއުތައް ވެސް %100 ފުއްދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *