ހުޅުމާލޭހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނިކޮށް ކަރަންޓްގައި ޖެހުނު މީހާ މަރުވެއްޖެ

ހުޅުމާލޭހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނިކޮށް ކަރަންޓްގައި ޖެހުނު މީހާ މަރުވެއްޖެ

Author
ހުސެއިން
24 މާރޗް 2024 11:56
0
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހާ މަރުވެއްޖެއެވެ. އެގިފައިވާ ގޮތުގައި އެމީހާ ކަރަންޓުގައި ޖެހުނީ ރޭ ދަންވަރުއެވެ. އަދި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މިހާދިސާގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. އޭނާގެ ކަށުނަމާދު މިއަދު މެދުރު ނަމާދަށްފަހު ވަނީ ބާއްވާފައެވެ.

ހުޅުމާލޭ ފޭސް 2 ގައި ބަހައްޓާފައިހުރި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ޕޮލިހަށް ހުށަހަަޅާފައިވާ ކަމުގައި އެކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ މީގެ ދެދުވަސްކުރިން ވަނީ ވިދާޅުވެފައެވެ.

އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މީގެ ދެރޭކުރިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެޑުނީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމުގެ ސަބަބުން ކަމުގައެވެ.

އޭނާ ކުރެއްވި އެކްސް ޕޯސްޓެގައި ވިދާޅުވީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ. އަދި މައްސަލަތައް މިހާރުވަނީ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމަށްވެސްއޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމަކީ އެކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމުގައެވެ.
މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށްވެސް ފަހުމީ ވިދާޅިވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.