ރަމަޟާން މަހާއި އިސްތިގްބާލުކުރާއިރު ބައެއް މީހުންނަށް ކުރެވޭ ބައެއް ގޯސްކަންތައްތައް:
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. ރޯދަހިފުމާއި، ރޭއަޅުކަންކުރުމާއި، ގުރްއާންކިޔެވުމާއި، ޞަދަގާތް ގިނަކުރުމާއި، މީސްތަކުންނަށް އިޙްސާންތެރިވުމާއި، ފާފަފުއްސެވުން އެދި ދުޢާ ކުރުމާއި، ސުވަރުގެއަށް އެދުމާއި، ނަރަކައިގެ ބިރުވެރިކަމުން ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރުމުގެ މައްސަރެވެ. އެހެންކަމުން ކާމިޔާބު ލިބިގެންވާ މީހަކީ އެމައްސަރުގެ ވަގުތުތައް އެންމެ ފައިދާ ކުރަނިވި ގޮތުގައި ބޭނުން ކޮށްފި މީހެކެވެ. ﷲ ރުހިވޮޑިގެންވާ ގޮތަށް ޢަމަލުތައް ބަހައްޓައިފި މީހާ އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ޢަމަލުތައް ގަބޫލުވެގެންވަނީ ދެޝަރްޠެއް ހަމަވެގެންނެވެ. އެއީ އިޚްލާޞްތެރިކަމާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބަޢަވުމެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމްވެގެންވަނީ ރޯދައިގެ ޙުކުމްތައް ރަގަޅަށް އުނގެނި ދަސްކުރުމެވެ.
ރޯދަ ވާޖިބުވަނީ ކޮންބައެއްގެ މައްޗަށްތޯ އާއި ރޯދައިގެ ޝަރްޠުތަކާއި، ރޯދަ ދޫކޮށްލުން ހުއްދަވާ މީހުންނާއި ޙާލަތްތަކާއި، ރޯދަ ފާސިދުވާކަންތައްތަކާއި، މިނޫންވެސް ރޯދަ އާއި ގުޅުން ހުރި ހުރިޙާ ކަމެކެވެ. ނަމަވެސް އަޅުގަޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވިފައިނުވާތީވެ ބައެއް ކަހަލަ ގޯސްކަންތައްތައް އޭގެ ސަބަބުން ކުރެވެއެވެ. އޭގެ ތެރޭގައި:
1. ރޯދައިގެ ޙުކުމްތައް ރަގަޅަށް ނޭގިހުރުމުގެ ސަބަބުން ބައެއް ކަހަލަ ނުރަގަޅު ކަންތައް ކުރެވޭތަން އާދެއެވެ. ނޭގޭ ކަމަށްވަނީ ނަމަ ދަންނަމީހުންކުރެ އަހާ އޮޅުން ފިލުވުމަށް ކީރިތި ގުރްއާނުގައި ބާރުއަޅުއްވާފައިވެއެވެ. ސޫރަތުއްނަޙްލުގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ) މާނައަކީ: "ތިޔަބައިމީހުންނަށް ނޭގޭކަމަށްވަނީ ނަމަ ދަންނަމީހުންކުރެއަހާ އޮޅުން ފިލުވާށެވެ". ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. (مَنْ يُرِدَ اللهُ بِهِ خَيْرًا يُفَقِّهْهُ فِيْ الدِّيْنِ) މާނައަކީ: "މާތް ﷲ މީހަކަށް ހެޔޮގޮތެއް މެދުވެރި ކުރައްވައިފިނަމަ އެމީހަކަށް ދީނުގެ ޙުކުމްތައް ދެނެގަތުމުގެ ނިޢްމަތް ދެއްވައެވެ".
2. މި މާތް މައްސަރާއި ބައްދަލުވުމުގެ ޝަރަފާއި ޢިއްޒަތް ދެއްވި ކަމަށް ޓަކައި ﷲ އަށް ޝުކުރުވެރިވެ، އެކަލާނގެ ޛިކްރު ކުރުންގިނަކޮށް، ތިމާގެ އަމިއްލަ ނަފްސު މުޙާސަބާކޮށް، އަސްތަޣްފާރުކޮށް ހެދުމުގެ ބަދަލުގައި، ކުޅިވަރާއި މަޖަލުގައި ވަގުތު ތައް ހޭދަކޮށްލުން.
3. ރަމަޟާންމަސް އައުމުން ބައެއް މީހުން ތައުބާވެ، މިސްކިތަށް އަރާ ނަމާދުކޮށް، ގުރްއާންކިޔަވާ، ރޯދަ ހިފާތަން ފެނެއެވެ. އެހެންނަމަވެސް، ރޯދަމަސް ނިމުމާއިއެކު، އިހުއުޅުނު ގޮތަށް އެބައިމީހުންގެ ޢަމަލުތައް ބަދަލުވެގެންދާކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް، މިގޮތަށް ކަންތައް ކުރުމަކީ ވަރަށް ނުރައްކާތެރި އެހާމެ ގޯސް ކަމެކެވެ. ﷲ ވޮޑިގެންވާކަން އެގެނީ ހަމައެކަނި ރަމަޟާން މަހުގައި ކަމަށް އެބައިމީހުންނަށް ހީކުރާ ކަހަލައެވެ. އަޅުގަޑުމެން ކުރާ ކޮންމެ ކަމެއް ކޮންމެ ވަގުތެއްގައިވެސް ﷲ ތަޢާލާ މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން ހަނދާންކުރަން ޖެހެއެވެ. އެހެންކަމުން، ކުރިންކުރެވިފައިވާ ކަންތަކަށް ހިތާމަކޮށް، ދެން އެފަދަ ކަމަކަށް އަރައިނުގަތުމަށް ޢަޒުމްކޮށް، ތެދުވެރި ތައުބާ އަކުން ތައުބާވާން ޖެހެއެވެ. ފުރިހަމަ ތައުބާ އަކުން ތައުބާ ވެއްޖެނަމަ މާތް ﷲ އެމީހެއްގެ ފާފަ ފުއްސަވާނެއެވެ. ސޫރަތު ޠާހާ ގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَإِنِّيْ لَغَفَّارٌ لِّمَنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى) މާނައަކީ: " ތައުބާވެ އީމާންވެ ޞާލިޙް ޢަމަލުކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަން ﷲއީ، ގިނަގިނައިން ފާފަފުއްސަވާ އިލާހު ކަން ކަށަވަރެވެ".
4. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރަމަޟާން މަހަކީ ދުވާލުގަޑީގައި ނިދުމާއި ކަންނެތް ވުމުގެ މައްސަރެއް ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ހޭލާ އުޅެ، މީސްމީހުންގެ ނުބައިވާހަކަދައްކާ، ކުޅިވަރާއި މަޖަލުގައި ހޭދަކުރުމުގެ ވަގުތުތައް ނަގާލާތަން ފެނެއެވެ. ނަމަވެސް މިކަމަކީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. ކިޔަމަންތެރިންގެ ކިޔަމަންތެރިކަމުގެ މައްޗަށާއި ނުކިޔަމަންތެރިންގެ އުރެދުމުގެ މައްޗަށް މިދުވަސްތައް ގިޔާމަތް ދުވަހުން ހެކިވެރިވާނެއެވެ. ވީމަ، މި މާތް ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންވާނެއެވެ.
5. ބައެއް މީހުން ރަމަޟާން މަސް އައުމުން އެކަމާ ހިތާމަކޮށް ދެރަވެ، އަދި އެމަސް އަލްވަދާޢު ކިޔުމުން އެކަމާ އުފާވާކަން ފާހަގަ ކުރެވެއެވެ. އެބައިމީހުން ދެކޭ ގޮތުގައި އެބައިމީހުންގެ ޝަހްވަތްތައް ފުއްދުމާއި، އެހެނިހެން ބޭނުންތައް ފުއްދުމަށް ރަމަޟާން މަސް ހުރަހަކަށްވެއެވެ. އެބައިމީހުން ރަމަޟާން މަހު ރޯދަ ހިފަނީ މީސްތަކުން ބުނެފާނެއެއްޗަކަށް ލަދުން ނުވަތަ ބިރުންނެވެ. މިއީ، ވަރަށްވެސް ހިތާމަހުރި ކަމެކެވެ. ސަބަބަކީ އިޚްލާޞްތެރިކަމާއި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ތަބަޢަވުމުގެ މާތް ޞިފަ އަޅުކަމުގައި ހިމެނިފައިނުވަނީ ނަމަ، އެއަޅުކަމަކީ ގަބޫލުކުރައްވާނެ އަޅުކަމެއް ނޫނެވެ. ސޫރަތުއްޒުމަރު ގެ 11 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (قلْ إنِّي أُمرتُ أنْ أعبُدَ اللهَ مُخلِصاً لهُ الدينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމާއި އެކުގައި އަޅުކަން ކުރުމަށެވެ". ހަމަ އެސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. (قل اللهَ أعبُدُ مخلِصاً لهُ ديني) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކިބައަށް އަހަރެންގެ ދީން ޚަލާޞްކޮށް އަހުރެން އަޅުކަން ކުރާނީ ހަމައެކަނި މާތް ﷲ އަށެވެ".
އަދި ޒުމަރު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فاعبُدِ اللهَ مخْلِصاً له الدينَ ألا لله الدينُ الخالصُ) މާނައަކީ: " ފަހެ ކަލޭގެފާނު މާތް ﷲ ގެ ކިބައަށް ދީން ޚަލާޞް ކުރައްވައި އެކަލާނގެ ކިބަޔަށް އަޅުކަން ކުރައްވާށެވެ". ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "مَنْ صَامَ يُرَائِيْ فَقَدْ أَشْرَكَ، وَمَنْ صَلَّى يُرَائِيْ فَقَدْ أَشْرَكَ، وَمَنْ تَصَدَّقَ يُرَائِيْ فَقَدْ أَشْرَكَ" މާނައަކީ: "ދެއްކުންތެރިކަމާއި އެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ".
وَعَنْ مَحْمُوْدِ بِنْ لُبَيْدٍ قَالَ: خَرَجَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: "يَا أَيُّهَا النَّاسُ إِيَّاكُمْ وَشِرْكُ السَّرَائِرِ. قَالُوْا: يَا رَسُوْلَ اللهِ وَمَا شِرْكُ السَّرَائِرِ ؟ قَالَ: يَقُوْمُ الرَّجُلُ فَيُصَلِّيْ، فَيُزَيِّنُ صَلَاتَهُ جَاهِداً لِمَا يُرَى مِنْ نَظَرِ النَّاسِ إِلَيْهِ، فَذَلِكَ شِرْكُ السَّرَائِرِ" މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މީސްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސިއްރު ޝިރްކުން ސަލާމަތްވެ ދުރުހެލިވާށެވެ"، ޞަޙާބީން ދެންނެވިއެވެ. "ސިއްރު ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީހަކު ގަދައަޅައި ނަމާދު ކުރެއެވެ، ނަމަވެސް މީސްތަކުންނަށް ދެއްކުމަށް ޓަކައެވެ. އެއީ ސިއްރު ޝިރްކެވެ".
عَنْ مَحْمُوْدِ بِنْ لُبَيْدٍ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ، قَالُوْا وَمَا الشِّرْكُ الْأَصْغَرُ يَا رَسُوْلَ اللهِ ؟ قَالَ: الرِّيَاءُ. يَقُوْلُ اللهُ عَزَّ وَجَلَّ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اِذْهَبُوْا إِلَى الَّذِيْنَ كُنْتُمْ تُرِاؤُوْنَ فِيْ الدُّنْيَا، فَانْظُرُوْا هَلْ تَجِدُوْنَ عِنْدَهُمْ جَزَاءً) މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބިރުވެތިވަނީ ކުޑަ ޝިރްކާއި މެދުގައެވެ. ޞަހާބީން ދެންނެވިއެވެ. "ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ދެއްކުންތެރިކަމެވެ. މީސްތަކުންގެ ޢަމަލުތަކަށް ޖަޒާދެއްވާ ނިންމެވުމަށްފަހު ގައި މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ތިޔަބައިމީހުން ދުނިޔެމަތީގައި ދެއްކުމަށް ކަންތައް ކުޅަމީހުންގެ ގާތަށްގޮސް އެމީހުންގެ ފަރާތުން ދަރުމައެއް ލިބޭތޯ ބަލާށެވެ".
وَعَنْ أَبِيْ سَعِيْدِ بِنْ أَبِيْ فُضَالَةَ رَضِيَ اللهُ عَنْهُ، وَكَانَ مِنَ الصَّحَابَةِ قَالَ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: "إِذَا جَمَعَ اللهُ الْأَوَّلِيْنَ وَالْآخِرِيْنَ يَوْمَ الْقِيَامَةِ لِيَوْمٍ لَّا رَيْبَ فِيْهِ، نَادَى مُنَادٍ: مَنْ أَشْرَكَ فِيْ عَمَلِهِ لِلَّهِ أَحَداً فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِهِ، فَإِنَّ اللهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. "ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެއްވުމަށްފަހުގައި ގޮވާ މީހަލު ގޮވާނެތެވެ. ﷲ އަށް ޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ".
6. ބައެއް މީހުން ބޭކާރުގޮތުގައި ރޭގަޑު ހޭލާ އުޅޭތަންފެނެއެވެ. އެޔަށްފަހު މެންދަމުވީމާ ހާރުކައިގެން ނިދައެވެ. ފަތިސްނަމާދުގެ ޖަމާޢަތަކަށްވެސް ހެޔެއް ނުލެވެއެވެ. މީގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ފުށުއަރާ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި:
• ކޮންމެހެން ބޭނުންވެއްޖެ ކަމެއްގައި މެނުވީ ރޭގަނޑު ޢިޝާފަހުން ހޭލާ ހުރުމަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުހިވޮޑިގެން ނުވާ ކަމެކެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ވާރިދުވެފައިވެއެވެ. (كان رسول الله صلى الله عليه وسلم يكره النوم قبل العشاء والكلام بعده) މާނައަކީ: "ޢިޝާގެ ކުރިން ނިދުމާއި، އޭގެ ފަހުން ހޭލާ އުޅުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނުރުހުންތެރިވެއެވެ".
• ރަމަޟާންމަހުގެ ބަރަކާތްތެރިކަން ނުލިބި އެބައިމީހުންގެ ވަގުތުތައް ބޭކާރުގޮތުގައި ދުއްވާލުން.
• ހާރުކެއުމަށް ސުންނަތުގައި އޮންނަ ގަޑިނުން އެހެން ގަޑިއެއްގައި ކެއުން.
• ފަތިސްނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވުން. އޭގެ ސަބަބުން ފަތިސްނަމާދު ޖަމާޢަތުގައި ކުރާ މީހާ އަށް ލިބޭ ޘަވާބާއި ދަރުމައިން އެމީހަކު މަޙްރޫމްވެގެން ދިޔުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ صَلَّى الْعِشَاءَ فِيْ جَمَاعَةٍ فَكَأَنمَّاَ قَامَ نِصْفُ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِيْ جَمَاَعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ) މާނައަކީ: "ޢިޝާނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ ރޭގަޑުގެ ދެބައިކުޅައެއްބައިގައި އަޅުކަން ކުރި ފަދައެވެ. ފަތިސްނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ މުޅި ރޭގަޑު އެއްކޮށް އަޅުކަން ކުރި ފަދައެވެ". މީގެ އިތުރުން ޖަމާޢަތުގައި ނަމާދު ކުރުމުން ލިބޭ ޘަވާބާއި ދަރުމައިންވެސް އެމީހަކު މަޙްރޫމް ވެގެންދެއެވެ.
7. ކެއުމާއި ބުއިން އަދި ޖިމާޢުވުން ފަދަ ރޯދަ ގެއްލޭ ޙިއްސީ ކަންތަކުން ދުރުހެލިވެގެން ހުރިކަމުގައިވީނަމަވެސް، މަޢުނަވީގޮތުން ރޯދައަށް އުނިކަން ލިބެނިވި ކަންތަކުން ދުރުހެލިނުވެވުން. މިގޮތުން ޣީބަބުނުމާއި ދެބައޮޑުވުމާއި ޙަރާމްކުރެއްވި ތަންތަނަށް ބެލުންފަދަ ކަންތަކުން ދުރުހެލި ނުވެވޭކަން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ لَمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ) މާނައަކީ: "ނުބައިވާހަކަ ދެއްކުމާއި، އެއަށް ޢަމަލުކުރުން ދޫކޮށްނުލައިފިމީހާ، ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމަކުން މާތް ﷲ އަށް ބޭނުމެއް ނެތެވެ".
8. އީމާންކަމާއި ދަރުމަ އަށް އެދި ތަރާވީޙް ނަމާދުގައި ބައިވެރިވެއްޖެ މީހާ އަށް މުޅިރޭ އެއްކޮށް އަޅުކަން ކުރުމުގެ ޘަވާބު ދެއްވާނެކަން އަންގަވާފައިވާ އިރުވެސް، ތަރާވީހް ނަމާދު ނުކޮށް ދޫކޮށްލާތަން ފެނެއެވެ. ބައެއް މީހުން ދެކޭގޮތުގައި ތަރާވީޙް ނަމާދަކީ ސުންނަތް ނަމާދެކެވެ. އެހެންކަމުން ކޮންމެހެން ކުރުން ލާޒިމް އެއް ނޫނެވެ. ތަރާވީޙް ނަމާދަކީ ސުންނަތެއް ކަމުގައިވީނަމަވެސް، އެނަމާދަކި ވަރަށް ބޮޑު ދަރުމަ އާއި ޘަވާބެއް ލިބެނިވި ނަމާދެއްކަން ބަޔާންވެގެން ހިނގައްޖެއެވެ. ވުމާއިއެކު، މިފަދަ ބޮޑު ހެޔޮކަމެއް ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ހެޔޮވެގެންވާނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ލައިލަތުލް ގަދްރިވިލޭރޭވެސް ހިމެނެއެވެ. މީގެ އިތުރުން، ސުންނަތް ނަމާދު ޝަރްޢު ކުރެވިފައިވަނީ ފަރްޟު ނަމާދު ތަކުގައި ކުރެވިފައިވާ ބައެއް ކުދިކުދި ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައެވެ. އެހެންކަމުން ސުންނަތެކޭ ކިޔާ ތަރާވީޙް ނަމާދު ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
9. ބައެއް މީހުން ރޯދަހިފިކަމުގައިވީނަމަވެސް ނަމާދު ނުކުރާ ކަން ފާހަގަކުރެވެއެވެ. ނަމާދު ނުކޮށް ކުރާ އެއްވެސް ހެޔޮކަމަކީ މާތް ﷲ ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ.
10. އިމާމްވެ ތަރާވީޙް ނަމާދު ކުރާ ބައެއް ބޭފުޅުން އަވަސް އަރުވާލާފައި ކިޔަވާތަން ފެނެއެވެ. މީ މިކަންކޮށްގެން ވާނެ ގޮތެއް ނޫނެވެ. ގުރްއާން ކިޔަވަންވާނީ އޭގެ މާނައަށް ވިސްނަމުން ތަޖްވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެޑިޓަރުގެ ނޯޓް: ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.