މަޖިލިސް އިންތިޚާބު 2024: ރަޖިސްޓަރީކޮށްފައިވާ ފޮށްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މަޖިލިސް އިންތިޚާބު 2024: ރަޖިސްޓަރީކޮށްފައިވާ ފޮށްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

Author
ހުސެއިން
20 މާރޗް 2024 09:17
0

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ ޢާންމުކޮށް، އަދި ރަޖިސްޓަރީކޮށްފައިވާ ފޮށްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ)ންހުޅުވާލައިފިއެވެ.

އީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ ޢާންމުކޮށް، މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2024 މާރިޗު 20 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް ހުޅުވާލާފައި ވާކަމުގައެވެ. އަދި މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށާއި، އޭގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އީސން ބުނެފައިވަނީ، މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އިން ކަމުގައެވެ. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ބުނެފައި ވެއެވ.

ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި  ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީން ބުނެފައިވަނީމއަންނަ މަހު 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި މުއްދަތުގައި އީފާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވަނީ ޖުމުލަ 11،169 މީހުން ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 21 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.