ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރުކަމަށް މ. ވިލާދަށުގެ ޑރ. ސަލްމާ ރަޝީދު އަދި ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމަށް މއ. ދިލާސާގެ މުހައްމަދު ލުވައިޒު އައްޔަނު ކުރުމަށް ނިންމައި ރައްޔިތުންގެ މަޖިލިހަށް ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަދި ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފައެވެ.
ލުވެއިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ކައުންސިލް މެމްބަރުކަން ވެސް ލުވެއިޒް ވަނީ އަދާ ކުރައްވައިފައެވެ.
ސަލްމާ ރަޝީދަކީ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާ އަށް ކުރިމަތިލައްވާ ޕީއެންސީ ކެންޑިޑޭޓު އަސްމާ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.