އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ރޭ ފަތިހު ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އާންމުން ދިރިއުޅޭ ގިނަ އިމާރާތްތަކެއް ބިމާ ހަމަކޮށްލައިފި އެވެ.
މިއީ ފަހުގެ ތާރީޚެއްގައި ބެއިރޫތަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށްވާއިރު، މިހާތަނަށް 10 މީހަކު ވަނީ މަރުވެފަ އެވެ. އެ ސަރަހައްދުގައި ތިބި މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މިއީ އެއްވެސް އަސްކަރީ އަމާޒެއް ނެތި، ހަމައެކަނި އާންމުންނާއި ކުޑަކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާތަކެކެވެ.
މި ހަމަލާތައް ދީފައިވަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާއި ހިޒްބުއްލޯއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފުޅާވަމުންދާ ދަނޑިވަޅެއްގަ އެވެ. އިޒްރޭލުން ވަނީ އީރާނުގެ ސަލާމަތީ އިސްވެރިޔާ އަލީ ލާރިޖާނީ އާއި އިންޓެލިޖެންސް މިނިސްޓަރު އިސްމާއީލް ހަތީބު އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފަ އެވެ. މީގެ ބަދަލުހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކެއްގައި ތެލް އަވީވް ކައިރިން ދެ މީހަކު ވަނީ މަރުވެފަ އެވެ.
މިކަމާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ އިސްވެރިންތަކެއް އަވަހާރަކޮށްލުމަކީ އީރާނު ބަލިކަށިވާނެ ކަމެއް ނޫން ކަމަށެވެ. އަދި އީރާނުގެ އާ ރޫހާނީ ލީޑަރު މުޖްތަބާ ހާމަނާއީ ވަނީ ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުންތަކަށް ދެކޮޅުހައްދަވައި، އެމެރިކާ އާއި އިޒްރޭލު ކަކޫމައްޗަށް ތިރިކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
މި ހަނގުރާމައިގެ ސަބަބުން ލުބްނާނުން މިހާތަނަށް 900 މީހުން މަރުވެ، 8 ލައްކަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އީރާނުން 3،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅީގެ ބޮޑު ބައެއް ބަންދުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ