ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް، ރިޕަބަލިކް އޮފް އަޔަލޭންޑުން ކުރަމުން އައި އުންމީދު ރޭ ސްލޮވާކިޔާއާ އިން ފެނަށް ދުއްވާލައިފިއެވެ.
ކޮލިފައިން ޕޭލް އޯފްގައި ސްލޮވާކިޔާއިން ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހުމުން ކުޅުނު އިތުރު ވަގުތުގައި ވެސް އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 ލަނޑުން ކުރި ހޯދައިގެންނެވެ.
މެޗުގެ އިތުރު ވަގުތު ތެރޭގައި ވެސް އަޔަލޭންޑުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮއްފައެވެ. އެގޮތުން އެލަން ބްރައުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
ނަތިޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްލޮވާކިޔާއިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އިރު އަޔަލެންޑުގެ އެލަން ބްރައުން ފޮނުވާލި ޕެނަލްޓީ ސްލޮވާކިޔާގެ ކިޕަރު މާރެކް ރޮޑާކް ދިފާއުކުރިއެވެ. އަދި މެޓް ޑިހޯޓީގެ ޕެނަލްޓީ ދިޔައީ އަމާޒުނުވެއެވެ. ކޮލިފައިން ޕްލޭ އޯފް ފަހު މެޗުގައި އަންނަ ނޮވެންބަރު މަހު ސްލޮވާކިޔާ ނުކުންނާނީ ނޮދަން އަޔަލޭންޑާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ