ރެސިޕީ 1: ޗިކަން ޝަވަރުމާ ޕޮކެޓްސް

ރެސިޕީ 1: ޗިކަން ޝަވަރުމާ ޕޮކެޓްސް

ބަރަކާތްތެރި ރަމަޞާން މަހުގެ ހެޔޮ އެދުމާއި ތަހުނިއާ އެންމެހާ ކިއުންތެރިންނަށް ފޮނުވަމެވެ. ރޯދަ މަހަކީ އެހެން މަސްތަކާއި ތަފާތު މަހަކަށް ވެގެންދަނި މިއީ އަޅުކަމު ކަންކަމުގައި ގިނައިރުގައި ހޭދަކުރާ މަހަކަށް ވާތީއެވެ. މީގެ އިތުރުން މި މަހުގައި ސުފުރާ މަތިވެސް ތަފާތު ވެގެންދެއެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު މި ގެނެސްދޭ ރެސިޕީ އަކީ ވަރަށް ތަފާތު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ބާވަތެކެވެ. ހަބަރުގައި ހިމަނާލާ ރެސިޕީ ތަކަކީ ފަސޭހައިން ކުޑަވަގުތު ކޮޅެއްގައި ތައްޔާރުކޮށްލެވޭ އަދި ޖީބަށް ލުއި ރެސިޕީތަކެއް ކަމުގައި ހެދުމަކީ ވަރަށް ބޮޑު އުންމީދެކެވެ.

ފުރަތަމަ ރެސިޕީއެއްގެ ގޮތުން ކިޔުންތެރިންނަށް މި ގެނެސްދެނީ ޗިކަން ޝަވަރުމާ ޕޮކެޓްސްއެވެ. މިއީ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު އަދި ތައްޔާރުކޮށްލުމަށް ވަރަށް ފަސޭހަ ބާވަތެކެވެ.

ފުއްގަނޑު ހެދުމަށް ބޭނުންވާނީ:

  • 2 ޖޯޑު ފުއް
  • 1/2 މޭޒުމަތީ ސަމުސާ އީސްޓް
  • 1 މޭޒުމަތީ ސަމުސާ ލޮނު
  •  1/2 މޭޒުމަތީ ސަމުސާ ހަކުރު
  • 3 މޭޒުމަތީ ސަމުސާ ތެޔޮ

މަސްގަނޑު ހެދުމަށް ބޭނުންވާނީ:

  • 300 ގްރާމް ކުކުޅު
  • 4 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ސައިސަމުސާ ލޮނުމެދު، އިނގުރު ޕޭސްޓް
  • 1 މޭޒުމަތި ސަމުސާ މިރުސް ޕައުޑަރު
  • 1 މޭޒުމަތި ސަމުސާ ދިރި ޕައުޑަރު
  • 1 މޭޒުމަތި ސަމުސާ ލޮނު
  • 1/2 ސަމުސާ ރީނދޫ
  • 1 މޭޒުމަތި ސަމުސާ ސޯޔާ ސޯސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުއްގަނޑު މޮޑުމަށް ފުއް، ލޮނު، އީސްޓް، ހަކުރު އަދި ތެޔޮ އަޅައިގެން އެއްކޮށްލުމަށްފަހު މަޑުމަޑުން ފެން އަޅަމުން ފުއްގަނޑު މޮޑެލާށެވެ. އެއަށް ފަހު މަތި ރަނގަޅަށް ބަންދު ކުރުމަށް ފަހު ރެސްޓް ކުރުމަށް ބައިންދާށެވެ.

ކުކުޅު ހެދުމަށް އެންމެ ފުރަތަމަ ތަވާ އަށް ތެޔޮކޮޅު އަޅާ ލާށެވެ. ތެޔޮކޮޅު ހޫނުވުމުން ލޮނުމެދު، އިނގުރު ޕޭސްޓް އަޅައި ކައްކައިލާށެވެ. އެއަށް ފަހު ކުކުޅު އަޅައި މިރުސް ދިރި ލޮނު ރީދޫ އެޅުމަށް ފަހު ކުކުޅު ކޮޅު ރޯފިލަންދެން ކައްކައިލާށެވެ. ދެން ރޯ ފިލުމުން ސޯޔާ ސޯސް ކޮޅު އަޅައި ކުކުޅުގެ ފެން ހިންދެންދެން ކައްކައިލާށެވެ.

ފުއްގަނޑު ދަމާލުމަށްފަހު ތައްޓެއް ބޭނުން ކޮށްގެން ވައްކޮށް ކަނޑައިލާށެވެ. އެއަށް ފަހު ފިހެލާނީއެވެ. ފިހެ ނިމުމުން މެދުން ދެފަޅި ކޮށްލާނީއެވެ. ދެން ތައްޔާރު ކުރި ކުކުޅު ކޮޅު އަޅައި ލާނީއެވެ. ބޭނުން ނަމަ ލެޓިއުސް ފަތް ކޮޅެއް އަދި ބޭނުންވައްތަރެއްގެ މަޔޮނައިސް ކޮޅެއް އަޅައިލާށެވެ. އޭރުން ރަހަ އިތުރަށް މީރު ވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *