މި އަހަރު ހުރިހާ ރަށަކަށް ދާނަން: ރައީސް މުއިއްޒު

މި އަހަރު ހުރިހާ ރަށަކަށް ދާނަން: ރައީސް މުއިއްޒު

Author
އަހުމަދު
06 މާރޗް 2024 02:06
0

މި އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ފަހުގައި ފަސް އަހަރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މ. މުލަކު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރަށްރަށުގެ ކައުންސިލްގެ ކިބައިން އޮޅުން ފިލުވަނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އަދި މި ކުރައްވާ މަސައްކަތަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރި ކުރުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ލާމަރުކަޒު ކުރެވިފައި އޮތް ނިޒާމު އަމަލީ ގޮތުން ތަންފީޒު ކުރެވެން. އެއީ ގާނޫނުގައި ލިޔެވިފައި، ފޮތްތަކުގައި ލިޔެވިފައި ހުރި ޖުމްލަތަކެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ހަގީގީ މާނައިގައި ތަންފީޒު ކުރަން (ބޭނުން،)." ރައީސްވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަމަޟާން މަސް ފެށޭ އިރުގައި ގިނަ ރަށްތަކަކާ ބައްދަލުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ހުރި ރަށްތަކަށް ވެސް ވަޑައިގަންނަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މި އަހަރުގެ ބާކީ ހުރި ދުވަސްތަކުގައި ހުރިހާ ރަށްތަކަށް އަޅުގަނޑު ދާނަން އިރާދަކުރެއްވިއްޔާ. އޭރުން ހުރިހާ ރަށެއްގެ ރައްޔިތުންނާ އަޅުގަނޑަށް ބައްދަލުވޭ އެބަ. އޭގެ ފަހުން މި މަސައްކަތްތައް ހިނގައިގަނެ ގިނަ ކަންކަން ނިމި އާ މަސައްކަތް ވެސް ކުރިއަށްދާ ގޮތް ބެލޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2025 ވަނަ އަހަރަށް ފަހު، 2026 ވަނަ އަހަރު އަނެއްކާ ވެސް ރަށްތަކަށް ދަތުރުފުޅު ކުރައްވާނެ ކަމަށެވެ. ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ހުރިހާ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑު މަސައްކަތް ކުރަން ބޭނުންވާ ގޮތަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރީމަ، ރައްޔިތުންނަށް ލިބޭނީ އެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ދާނެ ކަމުގެ ޔަގީންކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.