"ޗައިނާއާއެކު ސޮއިކުރީ އެމްއެންޑީއެފަށް ތަމްރީނާއި ނަން ލީތަލް ހަތިޔާރު ފޯރުކޮށްދިނުމަށް"

"ޗައިނާއާއެކު ސޮއިކުރީ އެމްއެންޑީއެފަށް ތަމްރީނާއި ނަން ލީތަލް ހަތިޔާރު ފޯރުކޮށްދިނުމަށް"

ރާއްޖެ އާއި ޗައިނާއާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމަކީ އެމްއެންޑީއެފް ސިފައިންނަށް ހިލޭ ތަމްރީނާއި ނަން ލީތަސް ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދ. މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓާ މޭޖާ ޖެނަރަލް، ޒަން ބެއެކުންއާ އެކުގައި މިއަދު ބައްދަލުވުމެއް ބާއްވަވައި މަޝްވަރާ ކުރެއްވި ކަމަށެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު އަސްކަރީ ދާއިރާ އިން އަބަދުވެސް ގުޅުން އޮންނަ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީ އާއި ޗައިނާ އާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމުގައި ރައީސް ވިދާޅުވިއެވެ. އެއީ ހިލޭ އެހީގެ ދަށުން ދިވެހި ސިފައިންނަށް އެކި ކަހަލަ ތަމްރީންތައް ދިނުމާއި ނަން ލީތަލް އާލަތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ރާއްޖޭގެ ދިފާއީ ބާރު އިތުރަށް ވަރުގަދަ ކުރެވިގެންދާނެއެވެ.

"މީގެސަބަބުން އިރާދަކުރެއްވިއްޔާ ދިފާއީ ބާރަށް އިތުރު ތަމްރީންތަކާއި ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

މި މަސައްކަތްތައް ވެސް ކުރެވެނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަށް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރި އިރު، މިދިޔަ ސަރުކާރުގައި އިންޑިއާއާ އެކު އަސްކަރީ ގިނަ އެއްބަސްވުންތަކެއް ހެދިއެވެ. އެ އެއްބަސްވުންތަކަށް މިހާރު ސަރުކާރުގެ އިސްވެރިންނަށް ތިއްބެވި ބޭފުޅުންގެ ފާޑު ކިއުން އަމާޒުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *