މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެ އިން ބޭރު ގައުމުތަކަށް ބަލި މީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ސްރީލަންކާ އަށް އެއާ އެމްބިއުލާންސް އޮޕަރޭޓް ކުރުމަށް ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި މިގޮތަށް ހަމަޖެހުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ ޖަނަވަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގައެވެ.
މީގެ ކުރިން ރާއްޖެއިން ލަންކާއަށް ބަލިމީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން 6 ގަޑިއިރާ 24 ގަޑިއިރާ ދެމެދު (އާންމުކޮށް ގާތްގަނޑަކަށް 1 ދުވަސް) ގެ ވަގުތެއް ހޭދަވެއެވެ. ނަމަވެސް މި މަޝްވަރާތަކަށްފަހު އެއްބަސްވެފައި ވަނީ ދިވެހިރާއްޖެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އަދި އެނޫންވެސް އެމަޖެންސީއެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން 2 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށެވެ. މިގޮތުން، މިކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްރީލަންކާގެ ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
ދިވެހި ރައްޔިތުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ސިޔާސަތެކެވެ. އެގޮތުން މިއީ އިމަޖެންސީ ޙާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ގެންދިއުން އަވަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރައްވާފައިވާ މަސައްކަތެކެވެ.
އެއަރ އެންބިއުލާންސްގެ ޚިދުމަތް ތަޢާރަފްކުރެއްވުމާއި އެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން އަންނަ މަހުގެ 1 ވަނަ ދުވަހު އެ ޚިދުމަތް ތަޢާރަފްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއަރ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އަދި ރާއްޖޭގެ އަވައްޓެރި ޤައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާ، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއަރ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.