އިންތިހާބު ފަސް ކުރާ ބިލް ތަސްދީގު ނުކޮށްފި ނަމަ އަލުން ފޮނުވަނީ

އިންތިހާބު ފަސް ކުރާ ބިލް ތަސްދީގު ނުކޮށްފި ނަމަ އަލުން ފޮނުވަނީ

Author
ހުސެއިން
22 ފެބްރުއަރީ 2024 07:35
0

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކޮށްފައިވާ ބިލް ރައީސް ތަސްދީގު ނުކުރައްވައިފިނަމަ އެބިލް އިތުރު ބަދަލަކާ ނުލާ އަލުން ފޮނުވާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

ކުރިއަށް އޮތް ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހުން ފާސްކޮށްފައިވަނީ  މިފެބްރުއަރީމަހުގެ  11 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ހާމަކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ގައެވެ. ނަމަވެސް އެ ދުވަހު އިންތިހާބު ބޭއްވުމަށް ބޮޑެތި ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ދެކޮޅު ހަދައިފައެވެ. އޭގެ ތެރޭގައި އެމްޑީޕީ އާއި ޕީޕީއެމް އަދި ޑިމޮކްރެޓްސް އައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ހިމެނެއެވެ.

މަޖިލީހުން މި މަހު 11 ތަސްދީގު ކުރުމަށް ރައީސް މުއިއްޒުއަށް ފޮނުވި ނަމަވެސް ރައީސް މިހާތަނަށް އެ ބިލު ތަސްދީގެއް ނުކުރައްވަ އެވެ. އަދި ނިހާރު ރައީސް ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިދާޅުވަމުން ގެންދަވަނީ މަޖިލިސް އިންތިޚާބު މިމަހު 17 ގައި އޮންނާނެ ކަމުގައެވެ.

މިމައްސަލައާ ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ރައީސް ބިލު ތަސްދީގު ކުރައްވާ ނަމަ މި މަހު 27 ގެ ކުރިން ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

މިއަދުގެ ޕްރެސްގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އިންތިހާބު ފަސް ނުކޮށް ރޯދަ މަހު ބޭއްވުމަކީ އެމްޑީޕީން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އާންމު ރައްޔިތުން ބޭނުމެއް ނުވޭ ރޯދަ މަހު ވޯޓުގެ ކަންކަމުގައި އުޅޭކަށް. ވަރަށް ގިނަ މީހުން ނޫން ބަސް ބުނަމުން ދަނިކޮށް މަޖުބޫރީ ހާލަތެއްގައި އިންތިހާބަށް ތައްޔާރުވާން ޖެހިފައި އޮތް ތަން މި ފެންނަނީ،.

އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އިންތިޚާބާބެހޭ ގާނޫނަށް ހުށަހެޅުއްވި މިއިސްލާހުގައި ވަނީ ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަމަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަމަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެއެވެ.

އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަމަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް އިސްލާހުގައިވެއެވެ.

މީގެއިތުރުން ޝިފާއުގެ އިސްލާހުގައި ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުމަށް ވެސް ހިމަނާފައިވެއެވެ. މި އިސްލާހުތައް މަޖިލިހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ ފަސް މެމްބަރުންނެވެ. މި ބިލް މަޖިލިހުން ފާސް ކުރީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާ ނުލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.