ޓެމްޕްލެޓް ބޭނުންކޮށްގެން ވޯޓްލާން ރަޖިސްޓްރީ ކުރީ 56 މީހުން

ޓެމްޕްލެޓް ބޭނުންކޮށްގެން ވޯޓްލާން ރަޖިސްޓްރީ ކުރީ 56 މީހުން

Author
ހުސެއިން
20 ފެބްރުއަރީ 2024 11:33
0

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޓެމްޕްލެޓް ބޭނުންކޮށްގެން ވޯޓްލާން ރަޖިސްޓްރީ ކުރީ 56 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީހެއްގެ އެހީއާ ނުލައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސަނީ ޓެމްޕްލެޓް ބޭނުން ކޮށްގެންނެވެ.

މީހެއްގެ އެހީއާ ނުލައި ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، އެމީހުން ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލުމުން ރަޖިސްޓްރީވި މީހުންގެ ދަފްތަރެއް އިލެކްޝަންސް ކޮމިޝަންގައި ބާއްވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޓެމްޕްލެޓް ބޭނުންކޮށްގެން ވޯޓްލާން ރަޖިސްޓްރީކުރި މީހުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި ވަނީ، އިންތިހާބުތަކުގައި އެހީތެރިޔަކާއި ނުލައި ލޯފަން މީހުންނަށްވެސް ވޯޓު ލެވޭ ގޮތަށް ހަދަން އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި ބިލު މިދިޔަ އަހަރުގެ ޖޫން 19 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބިލުގައި ވާގޮތުން ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުން ވޯޓުލާން ހާޒިރުވި މީހާ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަން ދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެނޫންވެސް އެއްވެސް ފަރާތަކުން އެތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ ލޯފަން މީހާގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.