އަމާޒަކީ 48 ގަޑިއިރު ތެރޭ ބާނާމަހަށް ފައިސާ ދިނުން، މިވަގުތު ދެވެން އޮތީ ހަފްތާއިން ހަފްތާއަށް: ޝިޔާމް

އަމާޒަކީ 48 ގަޑިއިރު ތެރޭ ބާނާމަހަށް ފައިސާ ދިނުން، މިވަގުތު ދެވެން އޮތީ ހަފްތާއިން ހަފްތާއަށް: ޝިޔާމް

މި ސަރުކާރުގެ އަމާޒަކީ މަސްވެރިން ބާނާމަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުން ކަމަށާއި، އެހެންނަމަވެސް މިވަގުތު މަސްވެރިންނަށް ފައިސާ ދެވެން އޮތީ ހަފްތާއިން ހަފްތާއަށް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، 48 ގަޑިއިރުތެރޭ ބާނާ މަހަށް ފައިސާ ދެވެން ނެތީ  މާލީ ދަތިތަކުގެ ސަބަބުން، މިވަގުތަށް އެކަން ކުރެވެން ނެތިގެން ކަމަށެވެ.

އިރާދަކުރެއްވިއްޔާ 48 ގަޑިއިރު ތެރޭ ދިނުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ. މިވަގުތު އަޅުގަނޑުމެން މި ނިންމީ ހަފްތާއިން ހަފްތާއިން [ދޭން].

ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހެންނަމަވެސް މި ވައުދު ފުއްދަން ދަރުގެ ފަހަށް ނުބަހައްޓާނެ ކަމަށާއި، މި ސަރުކާރުން ވައުދު ފުއްދާނީ ދައުރުގެ ކުރީ ކޮޅު ކަމަށެވެ.

އެކަމަކު އަޅުގަނޑުމެންނަކީ ދައުރުގެ ކުރީކޮޅު އަޅުގަނޑުމެންގެ ވައުދުތައް ފުއްދާނެ ސަރުކާރެއް. ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އެކަން އެގޮތަށް ކުރެއްވުމަށްޓަކައި. އަޅުގަނޑުމެން ނުބަހައްޓާނަން އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ދެވަނަ ބުރާ ދޭތެރޭގައި އަޅުގަނޑުމެންގެ ވައުދު ފުއްދާކަށް.

އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް މިހާރު ހަފްތާއިން ހަފްތާއަށް ފައިސާ ލިބެމުންދާނެ ކަމުގައެވެ. އެއީ ކުޑަކުރި އަގަށް ގަންނަމުންދާ މަހަށް ދައްކަމުންދާ ފައިސާއެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހިފައިހުރީ 280 މިލިއަން ރުފިޔާ ކަމަށާއި، މިމަހުގެ 26 ގެ ކުރިން 100 މިލިއަން ރުފިޔާ ދެއްކުމަށްފަހު، އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހުގެ ކުރިން ބާކީހުރި 180 މިލިއަން ރުފިޔާ ދައްކާނެ ކަމުގައެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރޯދަމަހުގެ ކުރިން އަރައިގަންނާނަން. އަދި މިހާރު އެކިއުމުލޭޓް މިވަމުންދާ ހަރަދުތައް، އެއީ މަހުގެ އަގަށް މިގެނެވުނު ބަދަލު ގެނެވުނު ދުވަހުން ފެށިގެން މިހިނގާ ދުވަސްތަކުން ހަފްތާއިން ހަފްތާއަށް މިހާރު އެވަނީ މިފްކޯ އިން ފައިސާ ދައްކަން [ފަށާފަ]. މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގަ އެންމެ ފަހު ހަފްތާއަށް 26 މިލިއަން ރުފިޔާ ދައްކަން މަސައްކަތް ކުރަނީ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރުން މަސްވެރިންނަށް ފައިސާ ނުދެވުނު ނަމަވެސް، ހަފްތާއިން ހަފްތާއަށް މިހާރު ފައިސާ ދޭން ފަށާފައިވާ ކަމަށާއި، އެންމެ ފަހު ހަފްތާއަށް ވީ 26 މިލިއަން ރުފިޔާ މަސްވެރިންނަށް މިހާރު ދޫކޮށްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ދުވަހުން ފެށިގެން މިހާތަނަށް 18،987 ޓަނުގެ މަސް ބޭރުކޮށްފައިވާއިރު، 395 މިލިއަން ރުފިޔާގެ އާމްދަނީ މިފްކޯއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް މިހާތަނަށް 435 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ކުރީ ސަރުކާރުގެ ބެކްލޮގާއެކު ނުދެވި އޮތީ 280 މިލިއަން ރުފިޔާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ކުރީ ސަރުކާރުން ބޮޑުކުރި މަހުގެ އަގު ވަނީ 20 ރުފިޔާއަށް ތިރިކޮށްފައެވެ. ޝިޔާމް ވިދާޅުވީ މި ސަރުކާރުން ދެން މަހުގެ އަގަށް ބަދަލު ނުގެންނާނެ ކަމަށެވެ.

ކުރީ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ތެރޭގައެއެވެ. އެއީ އީޔޫއީން ރާއްޖޭގެ މަހަށް ނަގާ ޑިއުޓީ ކަނޑާލަން ތައްޔާރުވެފައިވާކަމަށް ބުނެއެވެ. އެހެންނަމަވެސް އަދިވެސް އިޔޫގެ ޑިއުޓީ ކަނޑާލާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *