އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދާ މީހުންނަށް ހާއްސަ ކޮށްގެން ހަދާ ދަފުތަރުގައި ރަޖިސްޓަރީވާން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ބީސީސީ ކުރި އިއުލާނެއްގައި ބުނެފައިވަނީ ވިޔަފާރިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކުރުން ލާޒިމް ނުވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނުގައި ވެސް އެންމެ ކުދި ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ މަސައްކަތްތައް ކުރާ މީހުން ރަޖިސްޓަރީވާން ހުޅުވައިލީ އެކަން ކުރާ މީހުން ކުރިއެރުވުމުގެ ބޭނުމުގައި ކަމަށެވެ.
އެކަމަށް ހާއްސަ ކޮށްގެން، ބީސީސީން ވަނީ އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދާ މީހުން ދަފުތަރުކުރުމުގެ އުސޫލެއް ހަދައިފަ އެވެ.
ބީސީސީގެ އުސޫލުގައި ވާގޮތުން، އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދާ މީހުންނަށް ހާއްސަ ކޮށްގެން ހަދާ ދަފުތަރުގައި ރަޖިސްޓަރީ ވެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށެވެ.
އަދި އެ ފަރާތަކީ ވަޒީފާގައި ބަޔަކު ނުގެންގުޅޭ އަދި އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި އުފައްދާ ފަރާތަކަށް ވާންޖެހޭނެއެވެ. އޭގެ އިތުރުން، ގޭގައި ކުރާ މަސައްކަތަކީ 100 ޕަސެންޓު ދިވެހިންގެ ބައިވެރިވުން އޮންނަ ކަމަކަށް ވެސް ވާންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.
އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި ހަދާ މީހުންނަށް ހާއްސަ ކޮށްގެން ހަދާ ދަފުތަރުގައި ރަޖިސްޓަރީވާން ވަކި މުއްދަތެއް ދީފައެއް ނުވެއެވެ. އަދި ރަޖިސްރީ ކުރުމަށް ވެބްސައިޓް މެދުވެރިކޮށްވެސް ހުށަހެޅޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު 3305555 އިން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ ކަމަށް ބީސީސީން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ