ކުރީގެ ރައީސް ނަޝީދު އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން މުޅި ރ. އަތޮޅުގައިވެސް ވާދަކުރައްވަނީ އެންމެ ކެނޑިޑޭޓެއްކަން ހާމަ ވެއްޖެއެވެ.
އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެޕާޓީގެ ޓިކެޓް ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ނަންތައް އެ ޕާޓީން އިއުލާންކުރި އިރު ރ. އަތޮޅުގެ 3 ދާއިރާއަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.
އެ ފަރާތްތަކަކީ، އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރި މުޙައްމަދު ޝިފާޒް (މަދޮށިމާގެ / ހއ. ބާރަށް) އާއި، އިނގުރައިދޫ ދާއިރާއަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އުނގޫފާރު ދާއިރާގެ މިހާރުގެ މެމްބަރު މުޙައްމަދު ވަޙީދު (ސަތަރުގެ / ރ.ފައިނު) ގެ އިތުރުން މަޑައްވަރި ދާއިރާއަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ޢަލީ ނަޡްމީ (ދިލާސާގެ / ރ. މަޑުއްވަރި) އެވެ.
މި ތިން ކެނޑިޑޭޓުންގެ ތެރެއިން ޝިފާޒު ފަހުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވީ ވިލިމާލެ ދާއިރާއަށެވެ. އަދި މުޙައްމަދު ވަޙީދު އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށައެއް ނާޅުއްވައެވެ.
އެހެންނަމަވެސް، ޑިމޮކްރެޓްސްގެ ޓިކެޓް ލިބިލެއްވި ރ. މަޑުއްވަރި ޢަލީ ނަޡްމީ ވަނީ އެދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައެވެ. އޭނާގެ ކެނޑިޑޭޓް ނަންބަރަކީ 1 އެވެ.
އަލީ ނަޒުމިއަކީ މަޑުވަރި ދާއިރާގައި ބޮޑު ތައީދެއް އޮންނަ ފަރާތެެކަން ފާހަގަ ކޮށްލެވެއެވެ. އޭނާގެ އިތުރުން އެދާއިރާއަށް އެމްޑީޕީގެ ކެނޑިޑޭޓަކާއި، ޕީއެންސީގެ ކެނޑިޑޭޓެއްގެ އިތުރުން ރައީސް ޔާމިންގެ ތާއީދާއެކުވެސް ކެނޑިޑޭޓަކު ވާދަ ކުރައްވައެވެ.
ކޮމެންޓު ފޮނުވާ