ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި

Author
އަހުމަދު
13 ފެބްރުއަރީ 2024 05:13
0

މި އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފިއެވެ.

މި މަޖިލީހަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ.  މަޖިލިސް އެކުލެވިގެންވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 (ތިނެއް) ފަނޑިޔާރުންގެ މައްޗަށެވެ.

މި އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު ހުސައިން ފާއިޒް ރަޝާދުއެވެ.

ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށެވެ.

ޑީޖޭއޭއިން ވަނީ މިދިޔަ އަހަރު އެ މަޖިލީހުގައި ހިދުމަތް ކުރެއްވި ފަނޑިޔާރުންގެ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.