ރުހުން ނުދިން 3 ވަޒީރުންނަށް އަލުން ރުހުންދިނުމުގެ މައްސަލަ މަޖިލީހުން ފަސްކޮށްފި

ރުހުން ނުދިން 3 ވަޒީރުންނަށް އަލުން ރުހުންދިނުމުގެ މައްސަލަ މަޖިލީހުން ފަސްކޮށްފި

Author
ހުސެއިން
13 ފެބްރުއަރީ 2024 10:45
0

ފާއިތުވި ޖެނުއަރީމަހުގެ 29 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުންގެ މަޖިލީހުން ރުހުން ނުދިނުމަށް ފާސްކޮށްފައިވާ 3 ވަޒީރުންގެ ނަންތައް އަލުން ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވުމާއި ގުޅިގެން، އެ ތިން ނަންފުޅާމެދު ސަރުކާރުން އަލުން ވިސްނުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާތީ، އެ ގަރާމެދު ގޮތެއް ނިންމަންދެން، 3 ވަޒީރުންނަށް އަލުން ރުހުން ދިނުމުގެ މައްސަލަ ފަސްކުރަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުން ބޭއްވި ޖަލްސާގައި ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއާއި، ހައުސިން މިނިސްޓަރ ޑރ. ހައިދަރުގެ އިތުރުން އޭޖީ އުޝާމްއަށެވެ.

އެ ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއަށް ރުހުން ނުދޭން ފާސްކޮށްފައިވާއިރު، އޭނާއަށް ރުހުން ދޭން ފެންނަކަމަށް 30 މެމްބަރުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 31 މެމްބަރުންނެވެ. އަދި އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްއަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދިނެވެ.

އޭގެ އިތުރުން މިނިސްޓަރ ޑރ. ހައިދަރަށް ރުހުން ދޭން ފެންނަކަމަށް 24 މެމްބަރުން ވޯޓު ދިންއިރު، ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދިނެވެ.
އެހެންނަމަވެސް ހަމަ އެދުވަހު ރައީސް މުއިއްޒުވަނީ މި ހުރިހާ ވަޒީރުންވެސް އަލުން ވަޒީރުކަމަށް އައްޔަން ކޮށްފައެވެ. އަދި ތިން ވަޒީރުންވެސް ވަނީ ރައީސް ރިޔާސީ ބަޔާން އިއްވި ޖަލްސާއަށްވެސް ވަޑައިގެންފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު، ތިން ވަޒީރުން އަލުން އައްޔަން ކުރައްވައި އެ ބޭފުޅުންނަށް ރުހުން ދިނުމަށް އެދި މަޖިލިހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ތިން ވަޒީރުން އައްޔަންކުރި މައްސަލައާ މެދު މަޖިލީހުން އަމަލު ކުރަން ފެންނަ ގޮތެއް އީވާގެ ގަރާރު ފާސްކުރުމުން އެނގިގެންދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ގަރާރު މަސައްކަތް ނިމި މަޖިލީހުން ވަކި ގޮތެއް ކަނޑައަޅަން ދެން ތިން ވަޒީރުން އަލުން އައްޔަން ކުރައްވައި ފޮނުއްވާފައިވާ މައްސަލަ ތާވަލު ކުރުން ފަސްކުރަން،.

މަޖިލިސް ރައީސް އަސްލަމް ވިދާޅުވިއެވެ.

މި ފަދަ މައްސަލައެއްގައި ކުރިން ރައްޔިތުންގެ މަޖިލިހުން އަމަލު ކޮށްފައިވާ ގޮތް ހާމަކޮށްދެއްވަމުން އަސްލަމް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެޓާނީ ޖެނަރަލްގެ މަގާމަށް އަހުމަދު އަލީ ސަވާދު އައްޔަން ކުރައްވަން މަޖިލީހަށް ފޮނުވުމުން މަޖިލިހުން ރުހުން ނުދިން ކަމުގައެވެ. ނަމަވެސް އޭނާ އަލުން އެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު، ރުހުން ހޯދަން މަޖިލިހަށް ފޮނުވުމުން ދެވަނަ ފަހަރަށް ވެސް މަޖިލިހުން ނިންމީ ރުހުން ނުދޭން ކަމަށާއި، އެހެންވެ، ތިން ވަނަ ފަހަރަށް ސަވާދު އެ މަގާމަށް އައްޔަން ކުރައްވަން ނަޝީދު ނިންމަވާފައި ނުވާކަމުގައެވެ.

ރުހުން ނުދިން ތިން ވަޒީރުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވުމާއި ގުޅިގެން އީވާ ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރުގެ ނިންމުމުގެ ސަބަބުން ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ކަމަށް ވިދާޅުވެ، ގައުމުގެ މަސްލަަހަތު އިސްކޮށް އެކަންކަމާ މެދު އަލުން ވިސްނާ ވަޑައިގެން ގާނޫނު އަސާސީއަށް އިހްތިރާމްކޮށް ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.