ފުވައްމުލަކު ސިޓީ ފުނާޑު އަވަށާއި ހޯދަނޑު އަވަށުގެ ޗަސްބިމުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ. ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
މި ދެ ހާދިސާގެ ތެރެއިން ފުނާޑު އަވަށުގެ ޗަސް ބިމުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 19:04 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވާލެވިފައި ވަނީ މިރޭ 21:30 ހާއިރުއެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީ ހޯދަނޑު އަވަށުގެ ޗަސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 19:30 ހާއިރުއެވެ. މި ހާދިސާގައި ވެސް ރޯވި އަލިފާން ނިއްވާލާފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެ ސަރަހައްދުގައި ހުރި ގަސްތަކަށް އަލިފާނުގެ އަސަރުކޮށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެމްއެންޑީއެފް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ