މާލޭ ރައްޔިތުންނަށް ގޯތިދޫކުރުމުގެ މަސައްކަތުގައި ހިމެނޭ ހުރިހާކަމެއް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ސަރުކާރުގެ ފަރާތުން ދެއްވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މާލޭ ރައްޔިތުން ހިންގާ ތިން ޖަމިއްޔާއެއް ގުޅިގެން، ސަލްޓަން ޕާކްގައި ވާހަކަ ދައްކަވަމުން ބޭއްވި "މާލޭ ބިންވެރިންގެ ސައްލާ"ގައި ރައީސް މުއިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލްއެވެ.
މި ސައްލާގައި ރައީސުލުޖޫމްހޫރިއްޔާގެ ޚާއްސަ މެސެޖް ދެއްވަމުން ފިރުޒުލް ވިދާޅުވީ ކުރީ ސަރުކާރުން ފަށްޓަވާފައިވާ ގޯތި ދިނުމުގެ މަޝްރޫޢުގެ ދަށުން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް މިހާރުވެސް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ގޯތިދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ އިތުރަށް ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
މި ހަތަރު މަސައްކަތްވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ބިންތައް ހިކެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރަމުން ގެންދާނެ ކަމަށާއި ވަގުތީ ގޮތުން ލިއުމެއް ދެވެން އޮތް ފަރާތްތަކަށް އެފަދަ ލިއުމެއް ދިނުމަށް މަސައްކަތް ކުރައްވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
ހުރިހާ ދިމާތަކެއް ހިއްކާ ރަޖިސްޓްރީ ހަވާލުކޮށްދީ ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަުގެ ޔަޤީންކަން ރައީސް ދެއްވާ. ގުޅީފަޅުގައި އިންފްރަރސްޓްރަކްޗަރ ޤާއިމްކުރުމަށްޓަކައި ޗައިނާގެ ކޮންޓްރެކްޓަރަކާއެކު ސޮއިކުރެވިފައި ވަނީ. ގިރާވަރުފަޅުގައި އިންފްރަރސްޓްރަކްޗަރ ޤާއިމްކުރުމަށްޓަކައި ޗައިނާގައި ބޭއްވި އިންވެސްޓް ފޯރަމްގައި ޕްރޮޕޯސަލްތައް ހުށައަޅާ ވަރަށް ގިނަ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. މަޝްވަރާތައް ކުރިއަށް އެބަދޭ.
ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ގިރާވަރުފަޅުން ގާތްގަނޑަކަށް 50 ނުވަތަ 54 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ. އަދި ގުޅިފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށާއި ހުޅުމާލެ ފަޅު ހިއްކުމުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް ކުރަމުންދާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. ފިރުޒުލް ވިދާޅުވީ ގޯތިދޫކުރާ ސަރަހައްދުތައް ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށާއި އެތަންތަން ހިއްކަމުން އަންނަނީ ކުރިން ކަނޑައެޅި ވަރަށްވުރެ ބޮޑުކޮށް ކަމަށެވެ.
ސައްލާގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، އޮކްޓޫބަރުމަހުގެ ނިޔަލަށް މިހާރު ހިއްކަމުން އަންނަ ތަންތަން ހިއްކާ ނިންމާލުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި އެތަންތަނުގައި ގެދޮރު އިމާރާތް ކުރުމަށް %5 އަށްވުރެ ބޮޑުނުވާ އިންޓްރެސްޓް ރޭޓްގައި ލޯނު ދޫކުރުމަށް ހަފްތާ 14ގައި ކަނޑައަޅާފައި އޮތްގޮތަށް ކުރިއަށް ދާނެކަމަށެވެ. އަދި ހަފްތާ 14 ނިމުމުގެ ކުރިން ލޯނު ދޫކުރާ އަދަދުތައް އިޢުލާން ކުރައްވާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.