ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިންވެސް ތާޢީދުކޮށްފިއެވެ.
ކޯވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާދިނުމަށް އެޤައުމުގެ ސަރުކާރުން އެދިފައިވާތީ އެކަމާއި މަޝްވަރާކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. ކޯވިޑް-19ގައި މަރުވާ މީހުން ގެނައުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ބައެއް ދީނީ ޢިލްމުވެރިންވެސް ހާމަކުރަމުން އަންނައިރު، އަނެއްބައި ޢިލްމުވެރިން ދަނީ އެކަމަށް ތާޢިދުކުރަމުންނެވެ.
ސަރުކާރުން ހިންގާ ކޯލިޝަންގައި ހިމެނޭ، އަދި ގިނަ ދީނީ ޢިލްމުވެރިންވެސް ހިމެނޭ އަދާލަތު ޕާޓިން ބުނީ، މުޅިދުނިޔެއަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި ސްރީލަންކާގެ ސަރުކާރުން އެދިލައްވާފައިވާ އެދިލެއްވުމަށް އިޖާބަދެއްވާ، ސްރީލަންކާގެ މުސްލިމުންގެ ޙާލަތަށް ރިޢާޔަތްކުރައްވާ އެ ޤައުމުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެކަންތައްތައް ހަމަޖައްސަވައިދެއްވުމަކީ، ސްރީލަންކާގެ މުސްލިމުންގެ ޙައްޤުގައި އާއި އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި އެ ޕާޓީގެ ފަރާތުން ދެކޭކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކަކީ އިސްލާމީ އުންމަތުގެ އުޚުއްވަތްރެއިކަމާއި އެއްބައިވަންތަކަމަށް އެހާމެ މުހިންމު، އަދި ސްރީލަންކާއާއި ރާއްޖެއާއި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއްކަމުގައި ވެސް އެޕާޓީގެ ފަރާތުން ދެކޭކަމަށްވެސް އަދާލަތުން ބުނެފައިވެއެވެ.
މުޅިދުނިޔެއަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި ސްރީލަންކާގެ ސަރުކާރުން އެދިލައްވާފައިވާ އެދިލެއްވުމަށް އިޖާބަދެއްވާ، ސްރީލަންކާގެ މުސްލިމުންގެ ޙާލަތަށް ރިޢާޔަތްކުރައްވާ އެ ޤައުމުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެކަންތައްތައް ހަމަޖައްސަވައިދެއްވުމަކީ
— Adhaalath Party (@AdhaalathOffice) December 15, 2020
ސްރީލަންކާގެ މުސްލިމުންގެ ޙައްޤުގައި އާއި އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި މި ޕާޓީގެ ފަރާތުން ދެކެމެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ އިސްލާމީ އުންމަތުގެ އުޚުއްވަތްރެއިކަމާއި އެއްބައިވަންތަކަމަށް އެހާމެ މުހިންމު،
— Adhaalath Party (@AdhaalathOffice) December 15, 2020
ސްރީލަންކާއިން ކޯވިޑް-19 ގައި މަރުވާ މީހުންގެ ހަށިތައް އަންދާލަން ފުރުސަތުނުދީ ރާއްޖެ ގެނެސް ވަޅުމަކީ އެދެވިގެންވާ ކަމެއްކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ވަނީ ބުނެފައެވެ. ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.
ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
ކޮމެންޓު ފޮނުވާ