ސަފާރީ ރޭޕް ކޭސް: 3 މީހަކަށް ދައުވާކުރަނީ

ސަފާރީ ރޭޕް ކޭސް: 3 މީހަކަށް ދައުވާކުރަނީ

Author
މުޙައްމަދު ޖިމީ
15 ޑިސެމްބަރ 2020 01:08
0

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން ބުނީ ދައުވާކުރުމަށް ފޮނުވި މައްސަލަ މިއަދު ބަލައިގެންފައިވާކަމަށާއި، އެމައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަން ޕީޖީން ހާމަ ނުކުރެއެވެ.

ފުލުހުން ބުނެފައިވަނީމިމައްސަލާގައި ޕީޖީން ފުރިހަމަކުރަން އެދުނު ކަންކަން ފުރިހަމަކުރުމަށްފަހު ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ ކުރީކޮޅުކަމަށެވެ.

މީގެ ކުރިންވެސް ފުލުހުން މިމައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ޕީޖީއަށް ފޮނުވިނަމަވެސް އިތުރަށް ބައެއް ކަންކަން ފުރިހަމަކުރުމަށް މައްސަލަ ފޮނުވާލާފައިވާއިރު، މިމައްސަލާގައި ފުލުހުން ބަޔާން ބަދަލުކުރި ކަމުގެ ތުހުމަތުވެސް ފުލުހުންގެ މައްޗަށް ވަނީ ކޮށްފައެވެ.

މިމައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާލުވެފައިވަނީ، ހުޅުމާލޭގައި ސަފާރިއެއްގައި ކެންޔާ އަންހެނެއް ރޭޕް ކުރިކަމަށް ދެކެވޭ ވާހަކަ ފުރަތަމަ އަޑު އިވިވަޑައިގަތުމުން ހިނގައިގެން އުޅޭނީ ބޮޑު ރޭޕްކޭސްއެއްކަމަށް ފުރަތަމަ ހީފުޅުވިކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތް ހަޤީގަތަށް ބެލުމުން އެނގުނީ މިކަމުގައި ހިނގާފައިވަނީ މީހަކު ޢާންމު ތަނެއްގައިވެސް ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭގެ ސަފާރީއެއްގައިދިވެހި ދެ ފިރިހެނުން ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅަފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމައްސަލާގައި ފުލުހުންވެސް ވަނީ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕުގެ މައްސަލައެއްގެ ގޮތުގައި ނޫންކަމަށް ބުނެފައެވެ. ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލިކަމަށް ތުހުމަތުކުރާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިއުން އޭރު އަމާޒުވިއެވެ. ސަބަބަކީ އަނިޔާލިބުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި އެމައްސަލަ ވަކިކޮޅެއގައި ނުޖެހި ކުއްލިއަކަށް ހުއްޓިފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ބަޔާން ފުލުހުން ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްވެސް އާންމު ވިއެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.