ހުޅުމާލޭގައި ސަފާރިއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ފުރިހަމަކުރަން އެދުނު ކަންކަން އިތުރަށް ފުރިހަމަކުރުމަށްފަހު އަލުން ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވައިފިއެވެ.
މީގެ ކުރިންވެސް ފުލުހުން މިމައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ޕީޖީއަށް ފޮނުވިނަމަވެސް އިތުރަށް ބައެއް ކަންކަން ފުރިހަމަކުރުމަށް މައްސަލަ ފޮނުވާލާފައިވާއިރު، މިމައްސަލާގައި ފުލުހުން ބަޔާން ބަދަލުކުރި ކަމުގެ ތުހުމަތުވެސް ފުލުހުންގެ މައްޗަށް ވަނީ ކޮށްފައެވެ.
މިމައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާލުވެފައިވަނީ، ހުޅުމާލޭގައި ސަފާރިއެއްގައި ކެންޔާ އަންހެނެއް ރޭޕް ކުރިކަމަށް ދެކެވޭ ވާހަކަ ފުރަތަމަ އަޑު އިވިވަޑައިގަތުމުން ހިނގައިގެން އުޅޭނީ ބޮޑު ރޭޕްކޭސްއެއްކަމަށް ފުރަތަމަ ހީފުޅުވިކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތް ހަޤީގަތަށް ބެލުމުން އެނގުނީ މިކަމުގައި ހިނގާފައިވަނީ މީހަކު ޢާންމު ތަނެއްގައިވެސް ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހުޅުމާލޭގެ ސަފާރީއެއްގައިދިވެހި ދެ ފިރިހެނުން ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅަފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމައްސަލާގައި ފުލުހުންވެސް ވަނީ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕުގެ މައްސަލައެއްގެ ގޮތުގައި ނޫންކަމަށް ބުނެފައެވެ. ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލިކަމަށް ތުހުމަތުކުރާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިއުން އޭރު އަމާޒުވިއެވެ. ސަބަބަކީ އަނިޔާލިބުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި އެމައްސަލަ ވަކިކޮޅެއގައި ނުޖެހި ކުއްލިއަކަށް ހުއްޓިފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކެންޔާ އަންހެންމީހާގެ ބަޔާން ފުލުހުން ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްވެސް އާންމު ވިއެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.
ކޮމެންޓު ފޮނުވާ