މާލެ ސިޓީގެ މޭޔަރު ކަމަށް ވަޑައިގަތުމަށް ފެއްޓެވި ކެމްޕެއިން ދަތުރުގައި އެންމެ ބޮޑު ހިތްވަރަކަށްވީ ކެންސަރާ ހަނގުރާމަ ކުރައްވާ ތިން ބޭކަނބަލުންގެ މަސައްކަތް ކަމަށާއި ކެމްޕެއިން ދަތުރު ތިން ބޭފުޅަކަށް ހަދިޔާ ކުރައްވާ ކަަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާގެ މެނިފެސްޓޯ ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އާޒިމާ ވިދާޅުވީ މި ދަތުރުގެ އެންމެ ހާއްސަ ކަމަކީ ވަަރަށް ހިތްވަރު ގަދަ ތިން އަންހެން ބޭފުޅުންގެ އެއްބާރުލުން ލިބިގެން ދިއުން ކަމަށެވެ. އެކަމަނާގެ އެ ދަތުރު ވަަރަށް ހިތްވަރު ގަދަ ތިން އަންހެން ބޭފުޅަކަށް ހާއްސަ ކުރައްވަން ބޭނުންވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ފާހަގަ ކުރެއްވި ތިން ބޭކަނބަލުންނަކީ:
– ޑރ. އައިޝަތު ރަމީލާ – އެގްރިކަލްޗާ އެންޑް އެނިމަލް މިނިސްޓަރު
– އައިމިނަތު އާތިފާ ޝަކޫރު – ކުރީގެ ހައުސިން މިނިސްޓަރު
– ހީނާ ވަލީދު – އެންސްޕާގެ ސީއީއޯ / ޕީޕީއެމްގެ ތަރުޖަމާން
އަޅުގަނޑުގެ މި ޖާނީ އިންތިހާބަށް ކުުރިމަތިލާ މި ކުރި މަސައްކަތް އަޅުގަނޑު ހަދިޔާ ކުރަން ބޭނުން ވަނީ މި ތިން ބޭފުޅުންނަށް،" އާޒިމާ ވިދާޅުވިއެވެ.
މި ތިން ބޭފުޅުންނަކީ ވެސް ކެންސަރާ ހަނގުރާމަ ކުރެއްވި ތިން ބޭފުޅުންކަން އާޒިމާ ވަނީ ފާހަގަ ކުރައްވައިފައެވެ. ސިޔާސީ މައިދާނުގައި ކުރިއަށް ދިޔުމަށް އަންހެނުންނަށް ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް މި ތިން ބޭފުޅުން ދެއްކީ ނަމޫނާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި އެކަމަނާ މި އިންތިހާބުގައި ވާދަކުރައްވަނީ ފިރިހެން ބޭފުޅުންތަކަކާއެވެ. މި އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، އަންހެނުންނަށް ސިޔާސީ މައިދާނުގައި ވެސް ކުރި ހޯދިދާނެކަން ސާބިތުކުރެވިގެންދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ރަމީލާ މިހާރު ވެސް ހުންނެވީ ކެންސަރު ފަރުވާ އަށް ރާއްޖެ އިން ބޭރުގައެވެ. ރަމީލާ އަށް ކެންސަރު ޖެހި ފަރުވާ ފެއްޓެވި ކަން ހާމަކުރެއްވީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ނަމަވެސް އެކަމަނާ ތަހައްމަލު ކުރައްވަނީ ކެންސަރުގެ ކޮން ވައްތަރެއް ކަމެއް އެނގިފައެއް ނުވެއެވެ.
އާތިފާ ވެސް ވަނީ ކެންސަރަަށް ފަރުވާ ހޯއްދަވައިފައެވެ. ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އިރުގައި ވެސް އާތިފާ ވަނީ ކެންސަރަށް ފަރުވާ ހޯއްދަވައިފައެވެ.
ހީނާ ވެސް ވަނީ މިފަހުން ކެންސަރަށް ފަރުވާ ހޯއްދެވުމަށް އިންޑިއާ އަށް ވަޑައިގެންފައެވެ. ފަރުވާއަށް ފަހު ރާއްޖެ ވަޑައިގަތީ ވަރަށް ފަހުންނެވެ. ފަރުވާގެ ކަންކަން ފުރިހަމަ ކުރެއްވުމަށް ފަހު، އޭނާ މިހާރު ގެންދަވަނީ ގައުމަށް ހިދުމަތް ކުރައްވަމުންނެވެ.