ސަލްމާން ގެ ރާއްޖެއާ ގުޅޭ ފިލްމުގެ ނަމަކީ "ދަ ބުލް"

ސަލްމާން ގެ ރާއްޖެއާ ގުޅޭ ފިލްމުގެ ނަމަކީ "ދަ ބުލް"

Author
ފާތިމަތު ނާވީ
05 ޖެނުއަރީ 2024 07:48
0

ރާއްޖޭގެ "ނޮވެމްބަރު 3″ އާ ގުޅުވައިގެން ހަދާ ފިލްމް ގެ ނަމަކީ "ދަ ބުލް" ކަމަށް  ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމްގެ ލީޑުން ފެނިގެންދާނީ ސަލްމާން ހާންއެވެ. މި ފިލްމް އާއި ގުޅޭ އިތުރު ތަފްސީލެއް އަދި މީޑިއާއަށް ތިލަވެފައިއެއް ނުވެއެވެ. ނަމަވެސް މިހާރު ފިލްމް އަށް ތައްޔާރު ވުމަށް ސަލްމާން ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ.

މީޑިއާތަކުން ބުނީ އޭނަ ޕެރަޓްރޫޕާއެއްގެ ރޯލު ކުޅޭ ފިލްމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ހާއްސަ ޓްރެއިނިންތަކެއް މިހާރު ހަދަމުން އަންނަ ކަމަށެވެ. އަދި ޝޫޓިން އަންނަ މަހު ފެށުމަށް ތައޔާރު ވަމުން އަންނަ ކަމަށެވެ.

"ދަ ބުލް" ގައި ސަލްމާން ކުޅެނީ "ނޮވެމްބަރު 3″ ގައި ރާއްޖެ އަށް އެހީވާން އިންޑިއާ އިން "އޮޕަރޭޝަން ކެކްޓްސް" ގެ ނަމުގައި ހިންގި އޮޕަރޭޝަންގައި އިސްކޮށް އުޅުނު ބްރިޖޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓައިލަން ސްރީ ލަންކާގެ ޓެރަރިސްޓުންތަކެއް ގޮވައިގެން މާލެ އަރައި ނޮވެމްބަރު 3، 1988 ގައި މާލޭގައި ހިންގި އުދުވާނީ ހަމަލާ އަކީ ރާއްޖޭގެ މި ފަހުގެ ތާރީހެއްގައި ހިނގައ ދިޔަ އެންމެ ނުރައްކާތެރި ބިރުވެރި ހާދިސާ އެވެ.

"ނޮވެމްބަރު 3″ ގެ ހާދިސާ އަކީ ދިވެހިންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ހާދިސާއެއް ނޫނެވެ. މި ވަތަނީ  ފިލްމުގައި، ޓެރަރިސްޓުންގެ ބަޔަކު ރާއްޖޭގެ ވެރިކަން ވައްޓާލަން، ވެރިރަށް މާލެ އަށް އަރައި ނޮވެމްބަރު 3، 1988 ގައި ހިންގި އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާ އިން އެހީތެރިކަން ފޯރުކޮށް ދޭން ހިންގި "އޮޕަރޭޝަން ކެކްޓްސް" އަށް ވަރަށް ބޮޑަށް އަލިއަޅުވާނެ ކަމަށް ވެއެވެ.

ނޮވެމްބަރު 3 ގެ އުދުވާނުގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެ އެވެ. އެ ދުވަހު ރާއްޖެ ހޯދި ކާމިޔާބީއާ ގުޅުވައިގެން ނޮވެމްބަރު 3 ފާހަގަކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ.

މި ފިލްމް އަކީ ޑައިރެކްޓަރު ކަރަން ޖޯހަރު ގެ ދަރްމާ ޕްރޮޑަކްޝަން އަށް ސަލްމާން ކުޅެދޭ ފުރަތަމަ ފިލްމް އެވެ. މި ފިލްމް ގެ ޑައިރެކްޓަރަކީ ވިޝްނޫވަރުދާން އެވެ. އެއީ ދަރުމާގެ 2021 ގެ ކާމިޔާބު ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ޝޭރުޝާ" ގެ ޑައިރެކްޓަރުވެސް މެއެވެ. ނަމަވެސް ފިލްމް އާއި ބެހޭގޮތުން މިހާތަނަށް އެއްވެސް މައުލުމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.