ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބޮޑުންނާއި މިކަމުން ނަފާ ލިބޭ އެންމެން ހޯދުމުގައި ފުލުހުން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ސާބިތުކަމާ އެކީގައި ފުލުހުން ކުރާ ތަން ފެނިގެން ދާނެ ކަމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަމުގެ ތެރޭގައި ފުލުހުންގެ ބޭސިކް ޕޮލިސިން ރަނގަޅު ކުރުން ހިމެނޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދާނީ ފުލުހުންނަކީ ވީހާވެސް ގިނަ އިން މަގުމަތިން ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް ވުން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ފުލުހުން ޕެޓްރޯލް ކުރަން ނުކުމެ އުޅުން އިތުރުކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މީގެ ނަތީޖާއަކަށް ވާނީ ކުށް މަދުވުން. އަމާން ކަމުގެ އިހްސާސް ރައްޔިތުންނަށް ކުރެވުން. ހަމައެއާ އެކީގައި ބޭސިކް ޕޮލިސިން ރަނގަޅު ކުރުމުން ލިިއްބައިދޭނެ އަނެއް ހިތްހަމަޖެހުމަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި މައްސަލަތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް އަވަހަށް އިންސާފު ލިބުން،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުވާނެ ގޮތަށް ކަންކަން ބައްޓަން ކުރެވިގެން ދާނެ ކަމަށެވެ.
މަސްތުވާތަކެއްޗާއި ކުށް ކުރާ ގްރޫޕްތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ވަށާ ޖެހޭ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ވަށާ ޖެހޭ ގޮތަކަށް މެނުވީ މި މައްސަލަ އަށް ވެސް ހައްލެއް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އޭގައި ގެނައި އެންމެ ބޮޑު ބަދަލަކީ މި ސަރުކާރުން މިނިސްޓްރީ އޮފް ހޯމް ލޭންޑް ޓެކްނޮލޮޖީ އުފައްދަވައި އެއް ފުރާޅެއްގެ ދަށުން ހުރިހާ ލޯ އެންފޯސްމަންޓް ޑިޕާޓްމަންޓުތައް ބަދަލު ކުރުމެވެ.
"ނަތީޖާއަކަށް ވާނީ މަސްތުވާތަކެތި އެތެރެ ކުރުމަށް ހުޅުވިފައި ހުރި ދޮރުތައް ކަސްޓަމާ އެކުގައި މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރުމަށް ދިވެހި ފުލުހުންނަށް ފުރުސަތު ލިބިގެން ދިއުން،" ޝުޖާއު ވިދާޅުވިއެވެ.
ރަށް ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން ނެޝަނަލް ޑްރަގް އެޖެންސީ އާ ހަވާލު ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރާ ބިދޭސީންގެ މައްސަލަތައް ބަލައި ނިމުމުން އެ ބިދޭސީން އިމިގްރޭޝަނާ ހަވާލު ކުރެވޭނެ މަގު ވެސް ތަނަވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ